29 އޮކްޓޯބަރ 2023 - 12:42

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާއްވަން ތާވަލްކުރި ޖަލްސާ މިއަދު ނުބޭއްވުމުން، އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ރިޔާސަތުގެ މޭޒުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފި އެވެ.

ޖަލްސާ ނުބޭއްވޭނެކަން އަމީންއާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލިސް ރިޔާސަތު ހުންނަ މޭޒު ކުރިމައްޗަށް އެއްވެ ނުރުހުންފާޅުކޮށްފަ އެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޗެމްބަރު ކުރިމައްޗަށް އެއްވެ މެމްބަރުންތަކެއް ހަޅުތާލުކުރުމުގެ ތެރޭގައި ރިޔާސަތު މޭޒުގައި ހުރި މޮނިޓަރުތަކަށް ގެއްލުންދީ، މޮނިޓަރެއް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ފޯނުގެ މައްޗަށް ވައްޓާލައި ފޯނު ތަޅާލާފައިވާ ކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުގައި، އަޑުގަދަ ކުރައްވަމުން އަތް އުއްކަވައި މޮނިޓަރަށް ގެއްލުންދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުއްޝަހީމް އަބްދުލްހަކީމެވެ. މޮނިޓަރުގައި ހިފުމާއެކު އެ ތަނުގައި ހުރި ފެންތަށި ބަންޑުން ވާ ތަން ވީޑިއޯއިން ފެނެ އެވެ.
ޒިޔާއު ވިދާޅުވި ގޮތުގައި، ފެން އެޅި ބައެއް ކީބޯޑުތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
ޖަލްސާ ނުބޭއްވޭކަން އިއުލާނު ކުރުމުން އެމްޑީޕީ މެންބަރުން ވަނީ ތަޅުން ދޫކުރައްވައި ނިކުންނަވަން ދެކޮޅު ހައްދަވައިފަ އެވެ. އަދިވެސް ބައެއް މެންބަރުން ތަޅުމުގައި އެބަތިއްބެވި އެވެ.
ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީ މިހާރު މަސައްކަތް ކުރަމުން އަންނަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.