ނަޝީދުގެ މައްސަލަ ހިފައިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް!
ނަޝީދުގެ މައްސަލަ ހިފައިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.

ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މިއަދަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމަވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވީ ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މޯޑް ވިދާޅުވި ގޮތުގައި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ.

އޭގެ އިތުރުން މަޖިލީހުގެ ގަވައިދުގައި ނެތް ހާލަތެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ވެސް ސާފުކޮށް ގަވައިދުގައި ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގެ 250 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

"މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ގުޅިގެން މުޅި މަޖިލިސް ހުއްޓުވާލާފައި ބޭއްވޭނެ އެއްވެސް ގޮތެއް ގަވައިދުގެ ތެރޭގައި ނެތް،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.

ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.