29 އޮކްޓޯބަރ 2023 - 09:15

ފަލަސްތީނު މިނިވަންކުރަން ގޮވާލާ ކެމްޕޭނަކާ އެކު މި އަހަރުގެ ދިވެހި ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް 1445" ފަށައިފި އެވެ.
އިއްޔެ ހެނދުނު ރާޅުގަނޑު ސަރަހައްދުގައި ފެށި މުބާރާތުގެ އޮފިޝަލުންނާއި ވާދަކުރާ އެތިލީޓުންގެ ޓީޝާޓާއި ސާފިން ބޯޑްގައި ފަލަސްތީނަށް ތާއީދުކޮށް ދިދަ އާ އެކު ސްލޯގަން ލިޔެފައި ހުއްޓެވެ. އަދި އިޒްރޭލު ރައްޔިތުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތް ހަދަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުން ވެސް ކުރިއަށް ގެންދިޔަ އެވެ. އެތުލީޓުންނާއި އެެހެނިހެން ބައިވެރިން ވެސް ވަނީ މި ޕެޓިޝަންގައި ސޮއި ކޮށްފަ އެވެ.
ރަންނަމާރި ޗެލެންޖު ހެނދުނު ފެށީ އަންހެން އޯޕަން އިވެންޓުންނެވެ. އަންހެން ހަތަރު ރާޅާއެޅުންތެރިން ބައިވެރިވި ކެޓަގަރީގައި ދެ ހީޓެއް ކުރިއަށް ގެންދިޔަ އެވެ.
އަންހެން ފުރަތަމަ ހީޓުގައި ޖުމްލަ 6.40 ޕޮއިންޓް ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން މަރިޔަމް ރާހިލް ނަސީމް (އާޔާ) ވަނީ ޝާޒިޔާ ސައީދު (ޝާޒު) ފަހަތަށް ޖައްސާލައި ފައިނަލުގެ ޖާގަ ޔަގީން ކޮށްފަ އެވެ. ޝާޒަށް ލިބުނީ 3.44 ޕޮއިންޓެވެ. ދެވަނަ ހީޓުން އެއްވަނަ ހޯދީ ޖުމްލަ ފަސް ޕޮއިންޓް ހޯދި ނަހާ ނަސްރުﷲ އެވެ. ދެވަނައަށް ދިޔަ ރިޝްތާ ޝުޖާ އަށް ލިބުނީ 2.36 ޕޮއިންޓެވެ.
އާޔާ އާއި ނަހާ، ފައިނަލަށް ހޮވިފައި ވާއިރު، ތިންވަނަ ހޮވާ ހީޓުގައި ޝާޒު އާއި ރިޝްތާ ވާދަކުރާނެ އެވެ.
މެންދުރު ފަހު ކުރިއަށް ގެންދިޔައީ މާސްޓާސް ކެޓެގަރީގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ހީޓްތަކެވެ. މި ކެޓެގަރީގައި ޖުމްލަ 16 ރާޅާއެޅުންތެރިން ބައިވެރިވެފައި ވެއެވެ.
މާސްޓާސް ކެޓެގަރީގެ ފުރަތަމަ ބުރުގައި، ކޮންމެ ހީޓެއްގައި ހަތަރު ރާޅާއެޅުންތެރިން ހިމެނޭހެން ހަތަރު ހީޓެއް ކުރިއަށް ގެންދިޔަ އެވެ. ކޮންމެ ހީޓަކުން އެއްވަނަ އަދި ދެވަނަ އެތުލީޓު ވަނީ ސީދާ ތިންވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ކޮންމެ ހީޓަކުން އެންމެ ފަހަތުން ނިންމި ދެ އެތުލީޓުން ވަނީ ދެވަނަ ބުރުގައި ވާދަ ކޮށްފަ އެވެ.
ފުރަތަމަ ހީތުގައި ޖުމްލަ 5.90 ޕޮއިންޓް ހޯދައިގެން އެއްވަނަ ހޯދީ މުހައްމަދު ވިޝާލް އަލީ އެވެ. ދެވަނައަށް ދިޔައީ 4.65 ޕޮއިންޓް ހޯދި އަލީ ނިޔާޒެވެ. ދެވަނަ ހީޓުގެ އެއްވަނަ ހޯދީ އަލްޒީ ނަސީމް އެވެ. އަޒްލީ އެއްވަނަ ހޯދީ 9.25 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ދެވަނައަށް ދިޔަ އިބްރާހިމް ލަތީފަށް ލިބުނީ 4.45 ޕޮއިންޓެވެ. ތިންވަނަ ހީތުގެ އެއްވަނަ ހޯދި ހުސެއިން ނިޒާމް 7.50 ޕޮއިންޓް ހޯދިއިރު، ދެވަނައަށް ދިޔަ މުހައްމަދު އާރިފް ވަނީ 3.05 ޕޮއިންޓް ހޯދައިފަ އެވެ.
މާސްޓާސް ކެޓެގަރީގެ ފުރަތަމަ ބުރުން އެންމެ މަތިން ސްކޯ ކުރީ ފަހު ހީޓުގެ އެއްވަނަ ހޯދި ހުސެއިން ފަޔާޒް އެވެ. މި ވާދަވެރި ހީޓުން އޭނާ އެއްވަނަ ހޯދީ ޖުމްލަ 13 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ދެވަނައަށް ދިޔަ މުހައްމަދު ފަޔާޒް (ޕެލޭ) އަށް ހޯދުނީ 11.25 ޕޮއިންޓެވެ.
ދެވަނަ ބުރުގައި ދެ ހީޓު ކުރިއަށް ގެންދިޔަ އެވެ. ތިންވަނަ ބުރަށް ދިޔައީ މި ބުރުގެ ކޮންމެ ހީޓަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ރާޅާއެޅުންތެރިންނެވެ. މި ބުރުގެ ފުރަތަމަ ހީޓުގައި 2.15 ޕޮއިންޓް ސްކޯ ކޮށްގެން ކާމިޔާބު ކުރީ އަހުމަދު ނާސިރު (ލޮނޭ) އެވެ. ދެވަނައަށް ދިޔައީ 0.50 ޕޮއިންޓް ހޯދި މުހައްމަދު އަގްލީމެވެ. ދެވަނަ ހީޓުގެ އެއްވަނަ ހޯދި އާދަމް ޝަރޫން އަހުމަދު 6.25 ޕޮއިންޓް ހޯދިއިރު، ދެވަނައަށް ދިޔަ އަބްދުލް ގަފޫރު އަަލީ (ގައްބެ) ވަނީ 4.95 ޕޮއިންޓް ހޯދައިފަ އެވެ.
ފިރިހެން އޯޕަން އާއި ފިރިހެން ޖޫނިއާ ކެޓެގަރީގެ އިތުރުން ސްޓޭންޑް އަޕް ޕެޑްލިން (އެސްޔޫޕީ) އަދި ޓީމް އިވެންޓް ކަމަށްވާ މަރުހަބާ ކަޕް ވެސް ރަންނަމާރި ޗެލެންޖުގައި އޮންނާނެ އެވެ.