ބޮން އެޅުން ނުހުއްޓާ، އެއްގަމުމަގުން ވަދެ އިޒްރޭލުން ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ބޮން އެޅުން ނުހުއްޓާ، އެއްގަމުމަގުން ވަދެ އިޒްރޭލުން ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި

ގާޒާ (އޮކްޓޯބަރު 27) - ވައިގެ މަގުން ދޭ ހަމަލާތައް ވެސް ހުއްޓާ ނުލައި، އިޒްރޭލްގެ ސިފައިން އެއްގަމު މަގުން ގާޒާ އަށް ވަދެ ހަނގުރާމަ އިތުރަށް ވަރުގަދަ ކޮށްފި އެވެ.

އިޒްރޭލުން ހިފާފައިވާ ސަރަހައްދާ ގުޅޭ ގާޒާގެ ބޯޑަރުން އެ ސިޓީ އަށް މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލްގެ ޓޭންކަރުތައް ވަދެ ހަމަލާ ދޭން ފެށުމުން ހަމާސް އިން ވެސް ވަނީ އިޒްރޭލްގެ ސިފައިންނަށް ހަމަލާތައް ދީފަ އެވެ.

"އިޒްރޭލްގެ ހަމަލާތަކާ އަހަރެމެން ކުރިމަތިލަމުން މިގެންދަނީ ރޮކެޓް ހަމަލާ ދީގެން،" އިއްޒުއްދީން ބްރިގޭޑިއާގެ ޓެލެގްރާމް ގުރޫޕަށް އެ ގޮފީގެ މެންބަރަކު ފޮނުވި މެސެޖްގައި ވެއެވެ.

ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން ބްރިގޭޑިއާ އިން ބުނީ އިޒްރޭލުން ގާޒާގެ އުތުރުގައި އޮންނަ ބައިތު ހަނޫން އާއި އިރުމަތީ ބުރައިޖު އަށް އިޒްރޭލުން އެއްގަމު މަގުން ވަދެ ހަރުކަށި އަމަލުތައް ހިންގަމުންދާ ކަމަށެވެ.

އިޒްރޭލުން ބުނީ ހަމަލާ ދެމުންދަނީ ހަމާސްގެ ހަނގުރާމަވެރިން ތިބި ބިންގަރާސްތަކަށް އަމާޒުކޮށްގެން ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ނިރް ދިނާރު ވިދާޅުވީ، އިސްރާއީލްގެ ސިފައިން މިއަދު ވެސް ގާޒާގެ އެތެރޭގައި ތިބެގެން ހަމަލާ ދެމުން އަންނަ ކަމަށެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން އެއްގަމު މަގުންނާއި ވައިގެ މަގުން އިއްޔެ ދިން ހަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ ޖުމުލަ އަދަދު 7,326 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 3،000 ކުޑަކުދިން ވެސް ހިމެނެ އެވެ.