ޖޭއެލްއެލް އިން ރާއްޖޭގައި 1.9 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފި
ޖޭއެލްއެލް އިން ރާއްޖޭގައި 1.9 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފި

ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން ރާއްޖޭގައި ހިންގި މުއާމަލާތްތަކުގެ އަދަދު 1.9 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

ޖޭއެލްއެލް އިން ނެރުނު "މޯލްޑިވްސް އިންވެސްޓްމެންޓް ގައިޑް" ގައިވާ ގޮތުން ރާއްޖެއަކީ ދުނިޔޭގައި މިވަގުތު ރިސޯޓު ވިޔަފާރި އެންމެ ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދާ ގައުމެވެ. އެގޮތުން މިހާރު ވެސް ދުނިޔޭގެ އެންމެ މަތީފަންތީގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި ހިންގާ ކަމަށް އެ އިދާރާއިން ބުންޏެވެ. އޭގެ ތެރޭގައި ޑިވަލޮޕަރުންނާއި ޕްރައިވެޓް އިކުއިޓީ ފަންޑުތަކާއި އިންސްޓިޓުޝަނަލް އިންވެސްޓަރުންގެ އިންވެސްޓްމެންޓްތައް ހިމެނެ އެވެ.

މިސަރަހައްދުގެ އެންމެ މަތިން ރޭޓުކޮށްފައިވާ މާކެޓަކީ ރާއްޖެ ކަމަށްވާ އިރު މިހާރު ރާއްޖެވަނީ 2019 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓަށް މާކެޓު އިތުރަށް ފުޅާކޮށްފައި ކަމަށް ޖޭއެލްއެލްއިން ބުންޏެވެ.

ރާއްޖޭގައި ރިސޯޓު އޮޕަރޭޓް ކުރާ ވަރު 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރަށް ކޮންމެ އަހަރު އެވްރެޖުކޮށް 9 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. މިއަހަރު ހުޅުވި ގިނަ ރިސޯޓުތަކަކީ ވެސް އެންމެ މަތީފަންތީގެ ރިސޯޓުތަކެވެ.

ޖޭއެލްއެލް އިން ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓުތައް ވިއްކާ އިރު މިދިޔަ އަހަރު ވެސް އެ ކުންފުނިން ވަނީ 200 މިލިއަން ޑޮލަރަށް ވުރެ އިތުރު ވިޔަފާރީގެ މުއާމަލާތް ހިންގައިފަ އެވެ. އެ ކުންފުނިން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓަށް ވުރެ ގިނަ ރިސޯޓު ވިއްކުމުގައި ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

ރާއްޖޭގެ އިތުރުން ސިންގަޕޫރާއި ޗައިނާ އާއި ޖަޕާނާއި ކޮރެއާ ފަދަ ގައުމުތަކުގައި ވެސް ހޮޓާ ވިއްކުމުގެ ވިޔަފާރީގައި ޖޭއެލްއެލް އިން އަންނަނީ ފުޅާ ދާއިރާއެއްގާ ހިންގަމުންނެވެ.