ޑަގްލަސް ކޮސްޓާ އިނގިރޭސި ޕްރިމިއާ ލީގަށް؟
ޑަގްލަސް ކޮސްޓާ އިނގިރޭސި ޕްރިމިއާ ލީގަށް؟

މިއުނިކް (ފެބްރުއަރީ 7) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ޑަގްލަސް ކޮސްޓާ އިނގިރޭސި ޕްރިމިއާ ލީގަށް ޝައުގުވެރިވާ ކަމަށް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ކޮސްޓާ ހޯދުމަށް މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ޗައިނާ ކްލަބްތަކުން ބޮޑު މުސާރަ ހުށަހެޅި އެވެ. އެހެން ނަމަވެސް ބަޔާނުންނާއި ކޮސްޓާ ވެސް އެ ހުށަހެޅުންތަކަށް ފުރަގަސްދިނެވެ.

"އަހަރެންނަށް އިނގިރޭސި ބައެއް ކްލަބްތަކުންނާއި ޗައިނާ އިން ހުށަހެޅުން ލިބުނު. އެކަމަކު މި ވަގުތު ފޯކަސް ހުރީ ބަޔާނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަން. އެކަމަކު އަހަރެން ކުރިމަގުގައި އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް،" ކޮސްޓާ ބުންޏެވެ.

އޭނާ ބުނީ ސްޕެނިޝް ލީގާއި ޕްރިމިއާ ލީގަކީ ޖަރުމަނު ލީގަށް ވުރެ ވާދަވެރިކަން ބޮޑު ލީގެއް ކަމަށެވެ.

"ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގައި ބޮޑެތި ކްލަބްތައް ގިނަ. އެކަމު އަހަރެން ދެކޭ ގޮތުގައި ދުނިޔޭގައި އޮތް އެންމެ ވާދަވެރި ލީގަކީ އިނގިރޭސި ޕްރިމިއާ ލީގު. ހުރިހާ ކަމެއް ވެސް އެ ލީގުގައި ތަފާތު،" ކޮސްޓާ ބުންޏެވެ. "މި ސީޒަން ކާމިޔާބު ކަމާ އެކު ނިންމާލާފައި. ދެން ފަހަށް ވިސްނާނީ."

ބްރެޒިލްގެ ގްރެމިއޯ ދޫކޮށް ޔޫރަޕްގައި ކޮސްޓާ ފުރަތަމަ ކުޅުނީ ޔޫކްރޭންގެ ޗެމްޕިއަން ޝަހުތަރު ޑޮނެސްކް އަށެވެ. ޝަހުތަރުގައި ހޭދަކުރި ތިން ސީޒަނުގައި ކޮސްޓާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާގެ ވިދުން ގަދަ ވުމުގެ ނަތީޖާ އަކަށްވީ ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުގެ ލޯ އޭނާ އަށް އަމާޒުވުމެވެ.

ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑުން ފާރަލަމުން އަންނަނިކޮށް 2015 ވަނަ އަހަރު ބަޔާނުން ކޮސްޓާގެ ސޮއި ހޯދީ 30 މިިލިއަން ޔޫރޯ ދެއްކުމަށް ފަހު އެވެ. ކޮސްޓާ އަކީ ފާއިތުވި ދެ ވަރަކަށް އަހަރަށް ބަލާއިރު ބަޔާނުގެ ފުރަތަމަ އެގާރައިގައި އެންމެ ގިނައިން ކުޅުނު އެއް ކުޅުންތެރިޔާ އެވެ.

ބަޔާނުގެ އިތުރުން ކޮސްޓާ އަކީ ބްރެޒިލް ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ. ފަހަކަށް އައިސް ބްރެޒިލް ޓީމުން ކުޅުނު ގިނަ މެޗުތަކުގައި ކޮސްޓާ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.