ރާއްޖެ ނޫން އެއްވެސް ގައުމަކަށް "ޕްރޯ" ނުވާނެ: މުއިއްޒު
ރާއްޖެ ނޫން އެއްވެސް ގައުމަކަށް "ޕްރޯ" ނުވާނެ: މުއިއްޒު

އެމަނިކުފާނަކީ "ޕްރޯ ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ލޭބަލް ކުރަނީ ގޯސްކޮށް ކަމަށާއި ރާއްޖެ ފިޔަވައި އެހެން އެއްވެސް ގައުމަކަށް "ޕްރޯ" ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބްލޫމްބާގް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށާއި އެހެން އެއްވެސް ގައުމެއްގެ "ޕްރޯ" ބޭފުޅަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑަކީ ޕްރޯ ޗައިނާ މީހެއް ކަމަށް ލޭބަލް ކުރަނީ ވަރަށް ގޯސްކޮށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ގެންދަވަނީ އޭނާގެ ހާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ކަމަށް ވިދާޅުވެ، އެކަން ޕްރޮމޯޓް ކުރައްވަމުންނެވެ. މުއިއްޒުގެ ވެރިކަމެއްގައި އެ ސިޔާސަތު ކަމަށް އެ މަނިކުފާނު ވިދާޅުވީ، އެއީ "ޕްރޯ ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ބައިނަލްއަގްވާމީ މީޑިއާތަކުން ވާހަކަ ދެއްކުމުންނެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދު އޮތް ވާދަވެރިކަމާއި ޗައިނާ އިން އިންޑިއާ ކަނޑުގައި އެ ގައުމުގެ ބާރު އިތުރު ކުރަން ކުރާ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކަށް އިހްތިރާމް ކުރާނެ ކަމަށެވެ. އަދި ބޮޑެތި ގައުމުތަކުގެ މެދުގައި އޮތް ވާދަވެރި ކަމުގެ ތެރެ އަށް ރާއްޖެ ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމުގެ ތެރެއަށް ވަދެވޭ ވަރަށްވުރެ މި ރާއްޖެ ކުޑަ،" އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވަން ތައްޔާރުވަމުން އަންނަ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ޗައިނާ އާއި އިންޑިއާ އާއި އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކާއި އަދި އަވަށްޓެރި އެހެން ގައުމުތަކާ ވެސް ގާތް ގުޅުން ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމައެކަނި މައްސަލައަކަށް ވާނީ ރާއްޖޭގެ މިނިވަންކަމާ ގުޅޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި އެއް ގައުމަކަށް ދަރަނި ބަރޯސާކުރުން ފަދަ ކަންކަމެވެ.

"ގައުމު އިސްކުރާނީ. ދިވެހިރާއްޖެ އިސްކުރާނީ. ޕްރޯ ކިޔަންޏާ ޕްރޯ މޯލްޑިވްސް ޕޮލިސީ [ދަމަހައްޓަވާނީ]،" މުއިއްޒު "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.