27 އޮކްޓޯބަރ 2023 - 08:34

ގަތަރުގެ ސަބްމެރިން ޕްރޮގްރާމެއްގެ މައުލޫމާތު ވަގަށް އިޒްރޭލަށް ދީ ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި އިންޑިއާގެ އަށް މީހަކަށް ގަތަރުން މަރުގެ ހުކުމް އިއްވައިފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖާސޫސްކުރުމުގެ ތުހުމަތަށް މިދިޔަ އަހަރު ހައްޔަރުކުރި މީހުންނަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ކުރީގެ އޮފިސަރުންތަކެކެވެ. އޭގެ ތެރެއިން އެކަކީ އިންޑިއާގެ މަނަވަރެއްގެ ކޮމާންޑަރުކަން ވެސް ކޮށްފައިވާ މީހެކެވެ.
މި މީހުންނަކީ ގަތަރު ސަރުކާރަށް ސަބްމެރިން ޕްރޮގްރާމެއްގައި ލަފާ ދިން އަމިއްލަ ކުންފުންޏެއް ކަމަށްވާ އަލް ދަހްރާގައި ވަޒީފާ އަދާކުރާ ބައެކެވެ. މިއީ ސަލާމަތީ އެކި ކަންކަމާ ގުޅޭ ގޮތުން ކޮންސަލްޓެންސީދޭ ކުންފުންޏެކެވެ.
މި މީހުންގެ މަރުގެ ހުކުމް އިއްވިކަމުގެ ޚަބަރާ އެކު އިންޑިއާ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމުގައި އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފަ އެވެ.
"މި އެންމެންގެ އާއިލާތަކާއި ގާނޫނީ ޓީމާ އެކު މި ދަނީ މަސައްކަތްކުރަމުން. މި ކަމުގައި ހުރިހާ އިހްތިޔާރެއްގެ ވެސް ބޭނުންކުރާނަން،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިންޑިއާ އިން ބުނީ މި މައްސަލަ އިންޑިއާއިން އައީ ވަރަށް ގާތުން ބަލަމުން ކަމަށާއި މިކަމުގައި ގަތަރު ސަރުކާރާ ވާހަކަ ދައްކާނެ ކަމަށެވެ.
މި މައްސަލައާ ބެހޭ ގޮތުން ގަތަރު ސަރުކާރުން އަދި ވާހަކައެއް ނުދައްކަ އެވެ.