12 ޖޫން 2016 - 08:10

ސްމާޓްފޯން މާކެޓްގެ ރަސްކަން 2021 ލައިގަތުމުގެ ކުރިން އަތުލާނެ ކަމަށް ވާވޭ ބުނެފި އެވެ. ސްމާޓްފޯން މާކެޓްގައި ވާވޭގެ ނިސްބަތް ކުޑަ ނަމަވެސް ވާދަވެރިން ބިރުގަންނަ ވަރުގެ ބޮޑު ބުނުމެކެވެ. އެ ބުނާ އެއްޗަކަށް ކަޅިއެއް އެއްލަމާ ހިނގާށެވެ.
ސްމާޓްފޯން މާކެޓަށް ވާވޭ ނެރޭ ފޯނުތަކުގެ 59 ޕަސެންޓް ޗައިނާގައި ވިކި ހުސްވެ އެވެ. ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިންތިހާ އަށް އޮތް ނަމަވެސް، އެ ވަރުގައި ހިފަހައްޓާލެވުން ވާވޭ ބަލަނީ ބޮޑު ކާމިޔާބީއެއް ގޮތުގަ އެވެ.
ސެމްސަންގުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާ މާކެޓަށް ނެރުނު މިންވަރު ހުރީ ދެމެހެއްޓިފަ އެވެ. އެއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އެވެ. އެ އަދަދަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެޕަލް ވަނީ 14 ޕަސެންޓަށް ދަށްވެފަ އެވެ.
ސެމްސަންގް އާއި އެޕަލް އަދި ޗައިނާ އަށް އުފަން ޝޯމީ ފަދަ ބާރުގަ ކުންފުނިތަކުގެ ނުފޫޒުން ޗައިނާ ސްމާޓްފޯނު މާކެޓް ވަނީ ފޮތިކޮށްފަ އެވެ. ކޮންމެ ކުންފުންޏަކަށް ވެސް ފޮއްޗެކެވެ. ކޭކް ފޮތިކުރެވޭ ނިސްބަތް ބަދަލުކުރުމަށް ވާވޭ އޮތީ ފޫގަޅާފަ އެވެ.
ދުނިޔޭގެ ނިސްބަތުން ސްމާޓްފޯން މާކެޓް ކޮންޓްރޯލްކުރަނީ ސެމްސަންގް އެވެ. އެއީ 23 ޕަސެންޓް އެވެ. އެޕަލް ލިސްޓްކުރެވެނީ ދެވަނައިގަ އެވެ. އެއީ 15 ޕަސެންޓެވެ. ވާވޭ އަށް ލިބެނީ 8.3 ޕަސެންޓެވެ.
ސްމާޓްފޯން މާކެޓަށް މި އަހަރު ވާވޭއިން 9.2 ބިލިއަން ޑޮލަރުން އިންވެސްޓްކުރާނެ އެވެ. ވަސީލަތްތައް ތަރައްގީކުރުމަށާއި ބޭނުންކުރާ މީހުންނަށް އާ ޓެކްނޮލޮޖީ ގެނެސްދިނުމަށެވެ. މި އަހަރު އެޕަލުން އިންވެސްޓްކުރާނެ ކަމަށް ބުނެފައި ވަނީ 8.1 ބިލިއަން ޑޮލަރެވެ.
އެ ވަރުގެ ބޮޑު އަދަދެއް އިންވެސްޓްކުރުމުގެ ފަހަތުގައި އޮތީ ސްމާޓްފޯން މާކެޓްގައި ވާވޭ ރަސްކަންކުރުމެވެ. ވާދަވެރިންނާ އަޅާ ބަލާއިރު ބޮޑު ފަރަގެއް އަދި އޮތް ނަމަވެސް އެ ކަމަށްޓަކައި ވާވޭ ކުރާ އުންމީދު ވެސް ބޮޑެވެ.
ވާވޭއިން މި އަހަރު ބޮޑު ކެމްޕޭނެއް މުޅި ދުނިޔެ އަށް ހުޅުވާލާނެ އެވެ. ވާވޭ ތަސައްވުރުކުރަނީ އެއީ ހުރިހާ އެންމެން ދަންނަ ކުންފުންޏަކަށް ވުމަށެވެ. ހަމައެކަނި ވަތަނީ ކުންފުންޏެއް ގޮތުގައި އޮތް އޮތުން ދޫކޮށް ދުނިޔޭގައި ފެތުރިގަތުމަށެވެ.
ތަރައްގީގެ ފުރަތަމަ ފިޔަވަހީގައި ޖީބަށް ތަކާވަރުގެ ފޯނުތައް ގޭބިސީތަކަށް ވަންނާނެ ކަމަށް ވާވޭ ވައުދުވެ އެވެ. އެންމެ އަގުހެޔޮ މުދާ އުފައްދާ ގައުމަށް އުފަންވުން މާނަކުރަންވީ، ވާވޭ އަށް އަގު ހެޔޮ ފޯނު އުފެއްދޭނެ ކަމަށެވެ.
ސެމްސަންގް ރަސްކަމުގައި އޮތުމަށް ފުރަތަމަ ގިޔަރުގައި ދުއްވާނެ އެވެ. އެޕަލް ވެސް ފުކެއް ދޫނުކުރާނެ އެވެ. ވާވޭ ފުރަތަމަ ގިޔަރުގައި ދުއްވާނީ މެކުހަށް ޖަހައިގެން ކަމަށް ބުނެ ވަނީ އިއުލާންކޮށްފަ އެވެ.