26 އޮކްޓޯބަރ 2023 - 21:54

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރި ބޭރުގެ މަސްބޯޓުތަކެއް ސަރުކާރުން ޖޫރިމަނާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިރޭ ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް ހުއްދަނެތި ވަދެ، ގާނޫނާ ހިލާފަށް މަސްވެރިކަން ކުރި ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ކޯސްޓްގާޑުން ސްރީ ލަންކާގެ ފަސް މަސްބޯޓެއް ހިފެހެއްޓި ކަމަށެވެ.
އެ މަސްބޯޓުތަކުގެ މައްސަލަ ބަލައި، އެ އުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުން، އެ ބޯޓުތައް މިހާރު އަނބުރާ ލަންކާ އަށް ފޮނުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޮންމެ ބޯޓެއް 100،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މަސްވެރިކަމުގެ އާ ގާނޫނު 2019 ގައި އަމަލުކުރަން ފެށި ފަހުން، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެ އެވެ. އަދި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެ އެވެ.