26 އޮކްޓޯބަރ 2023 - 18:48

މިދިޔަ އާދިއްތަ ދުވަހު ފުލުހުން އެފްއޭއެމްގެ އޮފީސް ރެއިޑްކޮށް ސާމާނުތައް ގެންދިއުމުން ދުވަހު ދުވަހަށް ކުރަންޖެހޭ މަސައްކަތައް ބުރޫ އަރާފައިވުމުން މުބާރާތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެ ތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވުމުން ތަހްގީގުގެ ބޭނުމަށް "ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެފްއޭއެމުން ބުނެ އެވެ.
"(އޭގެ) ސަބަބުން މި އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ އަރައި މި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި މިހާލަތުގައި ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި ހިތާމަޔާ އެކު ފާހަގަ ކުރަމެވެ." އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެފްއޭއެމުން ބުނީ މިހާރު އެ އެސޯސިއޭޝަނުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެއްބާރުލުން ދިނުން ކަމަށް ދެކޭ ކަމަށެވެ. އަދި ތަހުގީގު މަރުހަލާ އަވަސްކޮށް ދިނުމަށް އެފްއޭއެމްގެ ބަޔާނުގައި ވަނީ އެދިފަ އެވެ.
މުބާރާތްތައް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން ބުނި އިރު ގާތްގަނޑަކަށް ދެ މަހަށް ފަހު ދިވެހި ޕްރިމިއާ ލީގު އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް އެފްއޭއެމުން އޮތީ ކުރިން އިއުލާންކޮށްފަ އެވެ. އަދި ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް އަންނަ މަހު ބާއްވާ ގޮތަށް އޮތުމުން އެ މުބާރާތުގައި ވާދަކުރާ ގިނަ ކްލަބްތަކަކުން ވަނީ ޕްރެކްޓިސް ވެސް ފަށައިފަ އެވެ.