07 ފެބުރުއަރީ 2017 - 12:36

ތެލް އަވީވް (ފެބްރުއަރީ 7) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 4،000 ގެ އެޅުމުގެ ހުއްދަ ދިނުމަށް އިޒްރޭލުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

އިޒްރޭލުގެ ބައެއް މީހުންގެ މެދުގައި ވެސް ޚިޔާލުތަފާތުވެފައިވާ ބިލް ފާސްކޮށްފައި ވަނީ 60-52 ވޯޓުންނެވެ. ޔަހޫދީންނަށް ގެ އަޅައިދޭއިރު އެ ބިންތަކުގެ ފަލަސްތީނުގެ ވެރިންނަށް ބަދަލުދޭން ބިލުގައި ވަނީ ހިމަނައިފަ އެވެ.

އިޒްރޭލުން ބިލް ފާސްކުރިތާ މާގިނައިރެއް ނުވަނީސް ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޕީއެލްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުން ފާސްކުރި ބިލަކީ ފަލަސްތީނުގެ ބިން "ގާނޫނުގެ ތެރޭން ވަގަށް ނެގުން" ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ސުލްހަ އަށް ކުރި އުއްމީދު ގެއްލިއްޖެ ކަމަށް ބުނެފައިވެ އެވެ.

އިޒްރޭލުން ފާސްކުރި "ރެގިއުލޭޝަން ބިލް" އުވާލުމަށް އެ ގައުމުގެ ބައެއް އެންޖީއޯތައް ކަމަށްވާ ޕީސް ނައު، ޔެޝް ދިން އަދި އެސޯސިއޭޝަން ފޯ ސިވިލް ރައިޓްސް އިން ވަނީ ސްޕްރީމް ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ.
ބިލް ފާސްކުރުމަށް އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ބޮޑުު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ހަރުކަށި ޕާޓީއެއް ކަމަށްވާ ޖޫޝް ހޯމް ޕާޓީންނެވެ. އެ ޕާޓީން ބުނެފައި ވަނީ ޔަހޫދީންނަށް ވެސް ބިރެއް ނެތި ދިރިއުޅުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށެވެ.
އެކަމަކު އިޒްރޭލުގެ އެޓާނީ ޖެނެރަލް ވަނީ މިއީ ގާނޫނު އަސާސީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފު ބިލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޕްރީމް ކޯޓަށް ދާން ޖެހިއްޖެ ނަމަ އެ ބިލް ދިފާއު ނުކުރާނެ ކަމަށް އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އިޒްރޭލުގެ ޕާލަމެންޓުގެ ބައެއް މެންބަރުން ވަނީ ބިލް ތަންފީޒުކޮށްފި ނަމަ އިޒްރޭޭލް ސިފައިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ދާންޖެހިދާނެކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރެއްވި ފަހުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ޔަހޫދީންނަށް 6،000 ގެ އަޅަން އިޒްރޭލުން ވަނީ އިއުލާންކޮށްފަ އެވެ.
އިޒްރޭލުން 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފިފަހުން ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ 400،000 ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ. އަދި އިތުރު 200،000 މީހުން ވަނީ އިރުމަތީ ގުދުސްގައި ވަޒަންވެރި ކުރުވައިފަ އެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ދިރިއުޅެނީ ފަލަސްތީނުގެ 2.9 މިލިއަން މީހުންނެވެ. އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް އދ. އިން ނިންމާފައިވެ އެވެ.