އީވާ އާލާސްކަންފުޅާ އުޅުއްވާތީ އާދީއްތަ ދުވަހުގެ ޖަލްސާ ސުވާލެއްގެ ތެރޭ
އީވާ އާލާސްކަންފުޅާ އުޅުއްވާތީ އާދީއްތަ ދުވަހުގެ ޖަލްސާ ސުވާލެއްގެ ތެރޭ

"މަޖީލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީވެ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް،"

އިއްޔެގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ އިއުލާނު ކުރެއްވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އަންނަ އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވައި އެ ގަރާރު އެޖެންޑާ ކުރަން މަޖިލީހުގެ އިދާރާއިން ވަނީ ތައްޔާރުވެފަ އެވެ.

އެކަމަކު އެމްޑީޕީގެ މެމްބަރުން އިއްޔެ ތުހުމަތުކުރީ އާދީއްތަ ދުވަހުގެ ޖަލްސާއަށް އީވާ ހާޒިރުވެ ވަޑައިނުގެން، ޖަލްސާ ކުރިއަށް ގެންދަން ފުުރުސަތު ނުދޭން ނަޝީދުގެ ޑިމޮކްރެޓްސް އިން ރާވާފައިވާ ކަމަށެވެ.

އެފަދަ ވާހަކައެއް އިވިފައިވާ ކަމަށް އިދިކޮޅު މެމްބަރަކު ވެސް ނަން ނުޖަހަން އެދިވަޑައިގެން ކަށަވަރުކޮށް ދެއްވި އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

މީގެ ކުރިން ނަޝީދު ވަކި ކުރަން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގެންދެވުނީ އެހެންވެ އެވެ. އެ ފަހަރު ނަޝީދާ އެކު އީވާ ވަކިކުރަން ވެސް ގަރާރެއް ވެއްދުމުން، ދެ ބޭފުޅުން ވެސް ރިޔާސަތާ ހަވާލުވާން އުޒުރުވެވަޑައިގެންނެވި އެވެ. އެއާ އެކު، އެ ދެ ގަރާރު އަނބުރާ ނެގުމާ ހަމައަށް ވެސް ގަވާއިދުން އަންނަ "ހުސްކަމަށް" އޮތީ ހައްލެއް ނުހޯދި އެވެ.

އީވާ އާދީއްތަ ދުވަހު ވަޑައިނުގަންނަވަން ރާވާފައިވަނީ ނަޝީދު ވަކިކުރާ ޖަލްސާ ކުރިއަށް ގެންދިޔަ ނުދޭން ކަމަށް އެމްޑީޕީން ތުހުމަތު ކުރިޔަސް، އޭނާ މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާކަން އެނގިފައިވެ އެވެ.

އެކަމަކު ފޯނަށް ޖަވާބު ނުދެއްވާތީ އީވާގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

އާދީއްތަ ދުވަހަކީ އާންމު މަޖިލިސް އޮންނަ ދުވަހަކަށް ނުވާތީ، ނަޝީދުގެ މައްސަލަ އެ ދުވަހަށް އެޖެންޑާކުރާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެމްބަރުންނަށް މި ހަފްތާގައި އަންގައިފަ އެވެ. ނަމަވެސް، ޖަލްސާ ތާވަލުކޮށް، ނަޝީދުގެ މައްސަލަ ރަސްމީކޮށް އެޖެންޑާކުރާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހު އެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވެނީ އެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލްތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް، ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ރިޔާސަތުގައި އިންނަވައިގެން ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިޔަށް ގެންދަވާތީ އާއި މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމު ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކަށް އެ މަނިކުފާނު ވާގިވެރިވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.