މޫނު ބުރުގާގެ މައްސަލައިގައި އެމްޑީޕީން އިހްތިޖާޖު ކޮށްދޭން ސަލަފުން އެދެފި
މޫނު ބުރުގާގެ މައްސަލައިގައި އެމްޑީޕީން އިހްތިޖާޖު ކޮށްދޭން ސަލަފުން އެދެފި

މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާ އަދާ ނުކުރެވޭތީ އެކަމާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްދޭން ސަލަފު ޖަމިއްޔާ އިން އެދެފި އެވެ.

އެ ޖަމިއްޔާ އިން އެމްޑީޕީ އަށް ފޮނުވި ސިޓީއެއްގައި ބުނީ ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވުމާ އެކު ވެސް އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގު ސަރުކާރުން ނުދޭ ކަމަށެވެ.

މިއީ އަންހެނުންގެ ހައްގުގައި ކުރާ އަނިޔާއެއް ކަމަށާއި އެހެންވެ، އެމްޑީޕީއަކީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް އަބަދު ވެސް ދައުވާ ކުރާ ޕާޓީއަކަށް ވާތީ އެކަމާ ގުޅޭ ގޮތުން އެ ޕާޓީން ދެކޭ ގޮތް ސާފު ކޮށްދިނުމަށް ސިޓީގައި ބުނެފައި ވެ އެވެ.

ދީނީ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާ ސަލަފު ޖަމިއްޔާ އިން އެދިފައިވަނީ މޫނުބުރުގާ އަޅައިގެން ވެސް އަންހެނުންނަށް ސަރުކާރުގައި ވަޒީފާ އަދާކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދޭ ކަމަށް އެމްޑީޕީން ގަބޫލު ކުރާ ނަމަ، ސަރުކާރުގެ މި ސިޔާސަތު ކުށްވެރިކޮށް، އެ ޕާޓީން އެކަމާ ދެކޮޅަށް އިހްތިޖާޖު ކޮށްދިނުމަށެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ނުދެވޭނެ ކަމަށް އއ. މަތިވެރީ ސްކޫލާއި ނ. ކުޑަފަރީ ސްކޫލުގެ ޓީޗަރަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި މޫނުބުރުގާ އެޅި ރަސްދޫ ޓީޗަރަކު ވެސް މީގެ ހަފުތާއެއްހާ ކުރިން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސަރުކާރުގެ މުވައްޒަފުން އަމަލު ކުރަން ޖެހޭނީ އެ މީހުންނަށް ކަނޑައަޅާފައި އޮންނަ ގަވައިދާ އެއްގޮތަށް ކަމަށާއި ގަވައިދުގައި އޮންނަ ގޮތުން ކާކުކަން ނޭނގޭ ގޮތަށް ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާ އަދާ ނުކުރެވޭނެ ކަމަށެވެ.

މޫނު ނިވާކޮށްގެން ސިވިލް ސާވިސްގެ ވަޒީފާ އަދާ ނުކުރެވޭ ގޮތަށް، ސިވިލް ސާވިސްގެ ގަވައިދުގައި އޮންނަ މާއްދާ އުނިކުރުމަށް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.