07 ފެބުރުއަރީ 2017 - 10:31

މެންޗެސްޓާ (ފެބްރުއަރީ 7) – އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ވިއްކާލުމުގެ ވިސްނުމެއް ނުގެންއުޅޭ ކަމަށް މެންޗެސްޓާ ސިޓީން ބުނެފި އެވެ.
މި ސީޒަނުގެ ކުރީކޮޅު އަގުއޭރޯ އާކުރި ކޮންޓްރެކްޓުގައި ބާކީ ތިން އަހަރު އެބައޮތެވެ. އެކަމަކު ފަހަކަށް އައިސް ސިޓީގެ ފުރަތަމަ އެގާރައިން އަގުއޭރޯ އަށް ފުރުސަތު ލިބޭތީ އާއި ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ގެނެސްފައިވާތީ އަގުއޭރޯ ވިއްކާލަފާނެ ކަމަށް އޮތީ ބެލެވިފަ އެވެ.
އަގުއޭރޯ ބުނީ ސިޓީގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތިން މަސް ދުވަހު އޭނާ އަށް ޖެހޭނީ ޓީމަށް އެހީވާން ކަމަށާއި އޭނާ އަކީ ޓީމަށް މުހިއްމު ކުޅުންތެރިޔެއްތޯ ނުވަތަ ނޫންތޯ ނިންމާނީ ސީޒަން ނިމުމުން ކަމަށެވެ.
"ބެންޗުގައި ހުންނައިރު އަބަދުވެސް ފުރުސަތަކަށް ބަލަބަލައި ހުންނަން ޖެހޭނީ. އަހަންނަށް އެބައޮތް އަހަރެންގެ ފެންވަރު ދައްކަން ތިން މަސް ދުވަސް. އެއަށް ފަހު އެނގޭނީ ކުރިމަގުގައި ވާނެ ގޮތެއް،" އަގުއޭރޯ ބުންޏެވެ.
އެކަމަކު ސިޓީގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ އަގުއޭރޯ ވިއްކާލަފާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ފުރުސަތު ކުޑަ ކަމަށެވެ.
އަގުއޭރޯގެ ބަދަލުގައި، އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ސިޓީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ ޖީސަސް އަށެވެ. އޭނާ ވަނީ ދެ މެޗުން ތިން ގޯލް ޖަހައިދީފަ އެވެ.
އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު ސިޓީއާ ގުޅުނު ފޯވާޑް ވަނީ އެ ކްލަބަށް 154 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ އެ ކްލަބުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީން 2011/2012 ގެ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ރަންބޫޓް ހާސިލްކޮށްފަ އެވެ. އެ ފަހަރު އެ ޓީމަށް ލީގު ލިބުނީ ފަހު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކިއުޕީއާރް ކޮޅަށް އަގުއޭރޯ ޖެހި ލަނޑުންނެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވަނީ އޭނާގެ ހައި ޕްރެސިން ސްޓައިލަށް ފެތޭ ޒުވާން ފޯވާޑެކެވެ. އެހެންކަމުން އަގުއޭރޯ ވިއްކާލުމަށް ފަހު އާ ކުޅުންތެރިޔެއް ގެނައުމަކީ ގާޑިއޯލާގެ ވިސްނުމެއް ކަމަށް ބެލެވެ އެވެ.
މި ސީޒަނުގައި 25 މެޗުން 18 ގޯލް ޖަހާފައިވާ ފޯވާޑް ގެންދަން މީގެ ކުރިން ސްޕެއިނުގެ ރެއާލް މެޑްރިޑުން މަސައްކަތްކުރި އެވެ. އެކަމަކު އެތުލެޓިކޯގެ ކުޅުންތެރިޔަކު އެ ކްލަބުގައި ހުއްޓާ ގެނައުމަކީ މެޑްރިޑުގެ އުސޫލަކަށް ނުވާތީ އެކަން އޭރު ނުވީ އެވެ. އެކަމަކު މިހާރު އެ ފުރުސަތު ހުޅުވިފައިވާތީ ރެއާލުން އަންނަނީ ރަނގަޅު ބިޑެއް ކުރަން ތައްޔާރުވަމުންނެވެ.