26 އޮކްޓޯބަރ 2023 - 00:21

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީން ކުރާ މަސައްކަތަށް ހުރަސްއަޅައި ގަދަކަމުން ރިޔާސަތުގައި އިންނަވައިގެން އާ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް އެއްބާރުލުން ނުދޭން އެމްޑީޕީން ނިންމުމުން ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި އެވެ.
ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އެމްޑީޕީން ވަކިވެ އުފައްދާފައިވާ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމްޑީޕީގެ ޕީޖީ ލައްވައި ހުރަސްއަޅަން މަސައްކަތްކުރައްވަނީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއީ ވަރަށް ހުތުރު އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
"ރައްޔިތުންގެ ނިންމުމަށާއި ގާނޫނުއަސާސީގެ ހުރުމަތަށާއި ޑިމޮކްރަސީގެ އަސާސްތަކަށާއި މަކާރިމުލްއަހުލާގުގެ ހަމަތަކަށް ރުޖޫއަވެވަޑައިގަތުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެ އެވެ.
ޑިމޮކްރެޓްސް އިން މިހެން ބުނެފައިވާއިރު އެމްޑީޕީގެ ޕީޖީން ބުނެފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަށްވުރެ ގިނައިން، 48 މެންބަރުން ނަޝީދުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށްފައި ވާއިރު ރިޔާސަތުގައި ނަޝީދު އިންނެވުމަކީ ޑިމޮކްރަސީގެ ހަމައެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދު މަސައްކަތްކުރައްވައި ރިޔާސަތުން ނަޝީދު ދުރުކުރިޔަ ނުދޭން ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޕީޖީން ބުނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވިޔަސް ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީޙަށް ވަޑައިނުގެން ޖަލްސާ ކުރިއަށްދިޔަ ނުދީފާނެ ކަމަށާއި އެހެން އަމަލުކޮށް ނަޝީދުގެ މައްސަލަ ހުއްޓުވައިފި ނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށެވެ. އިތުބާރު ނެތް ރައީސަކު އިންނަވައިގެން ރައީސްގެ ހުވާކުރެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި ރައީސްގެ ހުވާ ސައްހަ ނުވާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.