26 އޮކްޓޯބަރ 2023 - 11:15

އިންތިގާލީ ކޮމިޓީން ސަރުކާރުގެ އިދާރާއަކަށް ޒިޔާރަތްކޮށް ބެލި ބެލުމަށް ފަހު، ބައެއް ތަންތަނުގެ ހާއްސަ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އިއްޔެ ވިދާޅުވީ، ފާއިތުވީ 21 ދުވަހުގެ ތެރޭގައި އިންތިގާލީ ކޮމިޓީން ސަރުކާރުގެ 77 މުއައްސަސާއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެ ތަންތަނުގެ ހާލަތަށް ރިއާޔަތްކޮށް ވަކިވަކިން ރިޕޯޓުތައް އެކުލަވާލާނެ ކަމަށެވެ.
އިންތިގާލީ ކޮމިޓީގެ ދައުރަކީ ތަންތަން އޮޑިޓު ކުރުން ނޫން ކަމަށާއި ނަމަވެސް ފާހަގަވި ބައެއް ތަންތަނުގެ ހާއްސަ އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލަށް އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ހާއްސަ އޮޑިޓު ހަދަން ފާހަގަވެފައި ވަނީ ކޮންކޮން ތަނެއް ކަން އޭނާ ވިދާޅެއް ނުވެ އެވެ. އެ ތަފްސީލްތައް ފަހުން ދެއްވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ފާހަގަވީ ކަންކަމަށް ބިނާކޮށް އާ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުން ކަމަށެވެ.