ގާޒާ އިން 6050 މަރު، އިއްޔެ އެކަނި 700 މަރު
ގާޒާ އިން 6050 މަރު، އިއްޔެ އެކަނި 700 މަރު

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 6050 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ގާޒާ އިން 6050 މަރު، އިއްޔެ އެކަނި 700 މަރު
ގާޒާ އިން 6050 މަރު، އިއްޔެ އެކަނި 700 މަރު

އޮކްޓޫބަރު 24، 2023 ގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން މިސައިލް ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގައި މަރުވި 700 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 19 ދުވަސް ވެގެން ދާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 16000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2000 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 1000 އާ ގާތްކުރާ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

ދިރިނުއުޅެވޭ ވަރަށް ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 20500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ އިމާރާތްތަކުގެ އަދަދު ވަނީ 185000 އަށް އަރައިފަ އެވެ. ގެދޮރު ސުންނާފަތިވުމުގެ ސަބަބުން، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1.8 މިލިއަނަށް (ގާޒާގެ އާބާދީގެ 70 އިންސައްތަ އަށް ވުރެ މައްޗަށް) އަރައިފަ އެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް، ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން އަޑު އުފުލަން ފެށުމާ ގުޅިގެން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށް ވަދެ އުދުވާނީ ހަމަލާތައް ދެމުން ގެންދާތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެހަމަލާތަކުގައި ހުޅަނގު އައްސޭރިން މިހާތަނަށް 103 މީހަކު ޝަހީދުވެ 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

މިއަދު ފަތިހު އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ފޭލިގެ އަވަށާއި ޤަލްޤީލިޔާ އަވަށަށް ވަދެގަނެ ފަލަސްތީނު މީހުންގެ ގެތައް ބަލައި ފާސްކުރަން ފެށުމާ ގުޅިގެން، ފަލަސްތީނުގެ ޒުވާނުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިމަތިލުންތައް ފެށުނެވެ. މި ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ހަތް ޒުވާނަކު ޝަހީދުވި އެވެ.

އޭގެ އިތުރުން މިދިޔަ ދެ ހަފުތާގެ ތެރޭގައި ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި އިޒްރޭލު ސިފައިން ގާޒާގެ އެކި ސަހަރުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގައި، ފަލަސްތީނުގެ 1500 އަށް ވުރެ ގިނަ ޒުވާނުން ވަނީ ހައްޔަރު ކޮށްފަ އެވެ. ރޭ އެކަނި ވެސް ފަލަސްތީނުގެ 60 ޒުވާނުން ހައްޔަރުކުރި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.