އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟
އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟

ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް އަނދަވަޅުން ނަގަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ނިމެންދެން ވެސް މަޑު ކުރެވޭކަށް ނެތެވެ. އެއަށް ވުރެ މާ ބޮޑަށް ބައްސާމް އޮތީ ގޯސް ހައްދަވައިފަ އެވެ. މި ވަގުތު އިންޓަރިމް ހާލަތަކަށް އެފްއޭއެމް ގެންގޮސްގެން ވިޔަސް ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށަން ޖެހޭ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު، ބައްސާމް މަގާމުން އެކަހެރިކޮށް އިންޓަރިމް ހާލަތަކަށް އެފްއޭއެމް ގެންދެވިދާނެ ހެއްޔެެވެ؟

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟
އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟

ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ އެ އެސޯސިއޭޝަނުގެ ވެރިން ބޭނުން ކުރާ ކަމަށާއި އަދި އެ ބޭފުޅުންނާ ގާތް ގުޅުން އޮންނަ މީހުންގެ ކުންފުނިތަކަށް ފޮނުވާކަން، މިދިޔަ މަހުގެ 22 ގައި އެ އިދާރާ ރެއިޑްކޮށް ފުލުހުން ކުރިއަށް ގެންދިޔަ ބާލަ ފާސްކުރުމަށް ފަހު ކުރިއަށްގެންދާ ތަހްގީގަށް އޮތީ އެނގިފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟
އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟

ބައްސާމް އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟
އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟

ބައްސާމްގެ މައްޗަށް މި ބޮޑު ތުހުމަތު ކުރެވޭ އިރު އޭނާ ވަގަުތީ ގޮތުން ވިޔަސް މަގާމުން އެކަހެރި ކުރަން ޖެހޭ ކަމަށް ފުޓްބޯޅައިގެ އެކި މަގާމުތައް އަދާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.

އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟
އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އެކަހެރި ކުރެވިދާނެ؟

"އިނޮސެންސް ކަމަށް (ބައްސާމު) ވިދާޅުވަންޏާ ތަހުގީގުން ވަކި ގޮތެއް ނިމެންދެން ވިޔަސް މަގާމުން އަމިއްލަ އަށް އެކަހެރިވެލައްވަން ވީ. އަދި އެއީ ރީތި ސިފައެއް،" އެފްއޭއެމް އަށް 2008 ގައި ކަނޑައެޅި އިންޓަރިމް ކޮމިޓީގެ މެންބަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ފުލުހުން މައްސަލަ ތަހުގީގުކުރަން ފުރަތަމަ ފެށި ދުވަހު އެފްއޭއެމްގެ ކޮންވެރިޔަކާ ގުޅުން އޮތް މައްސަލަތަކެއްކަން ހާމައެއް ނުވެ އެވެ. ނަމަވެސް އެފްއޭއެމްގެ ކުރީގެ ސީއީއޯ ޝާހް އިސްމާއީލް އޭރު ވިދާޅުވެފައި ވަނީ ބައްސާމް އަށް ތުހުމަތުތައް ކުރެވިފައި ނެތަސް، އެފްއޭއެމްއާ ގުޅުން ހުރި އެވަރުގެ ބޮޑު ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ އިރު، ސީދާ ބައްސާމް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.

އެ އިދާރާގެ ޖެނަރަލް ސެކްރެޓަރީކަން ވެސް ކުރިން ކުރެއްވި ޝާހް ވިދާޅުވީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އެސޯސިއޭޝަން ގާނޫނީ ގޮތުން ތަމްސީލު ކުރަން ޖެހޭ އެންމެ މަތީ ފަރަތަކީ ރައީސް ކަމަށެވެ. އެފްއޭއެމްގެ އަސާސީ ގާވާއިދުގެ 38 ވަނަ މާއްދާގެ (1) ގައި ބުނެފައި ވަނީ އެހެންނެވެ. އެހެންވެ މި ހާލަތުގައި ވެސް ރައީސް ޒިންމާ ނަންގަވަންޖެހޭނެކަން ސޯޝަލް މީޑިއާގައި ޝާހު ކުރެއްވި ޕޯސްޓުން އެނގެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލް އަންގަވައިގެން ފުލުހުން އެފްއޭއެމް ރެއިޑްކޮށް، އެ އިދާރާގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި އެ އެސޯސިއޭޝަނުގެ އެތިކްސް ކޮމިޓީގެ ސަމާލުކަމަށް އެ މައްސަލަ އައިސްފައި ނެތުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެތިކްސް ކޮމިޓީން ވަގުތީގޮތުން ބައްސާމް މަގާމުން އެކަހެރިކުރަންޖެހޭ ކަމަށް ޝާހް ވިދާޅުވި އެވެ.

"މިހާލަތުގައި އެފްއޭއެމްގެ ރައީސަކަށް ހުންނަ ފަރާތް [މީހަކު] ވަގުތީގޮތުން ސަސްޕެންޑް ކުރުމުގެ ބާރު އެތިކްސް ކޮމިޓީ އަށް ލިބިފައިވޭ. މިއީ މިބާވަތުގެ ކަންކަން ފެންމަތިވުމުން ކުޅިވަރުގެ އުސޫލު ތަރުތީބުވެފައި އޮންނަ ހަމަ،" ޝާހް ލިޔެފައި ވެއެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ވެރިންނަށް މިހާރު ކުރިމަތިވެފައިވާ ކަހަލަ ޖިނާއީ ތަހްގީގުތައް ދުނިޔޭގެ ކުޅިވަރު ހިންގުމުގެ އިދާރާތަކުގެ ވެރިންނަށް މީގެ ކުރިން ކުރިމަތިވެ އެ ބޭފުޅުން ވެސް، ވަގުތީ ގޮތުން އެކަހެރިކޮށްފައި ވުމުން އެއީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ކަން ހާމަވެ އެނގޭ ކަމަށެވެ.

"މިބާވަތުގެ ކަންކަމުގައި ކުޅިވަރުގެ އެކި އިދާރާތަކުން ބުނެވިދިޔަ ބީދައިން އަމަލުކޮށްފައި ވާތީ އެއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްކަން ވެސް ސާފުކޮށް އެނގި ހާމަވޭ،" ޝާހް ލިޔެފައި ވެއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ތަހުގީގެއް ހިނަގުމުންދާ ދަނޑިވަޅެއްގައި އެކަހެރިވާން ޖެހޭނަމަ މުޅި އެކްސްކޯ ވެސް އެކަހެރިވާން ޖެހޭނެ ކަމަށެވެ.

"މިހާރު ތަހުގީގު ހިނގަމުން މިދަނީ އެފްއޭއެމް އަށް. އެހެންވެއްޖިއްޔާ އެފްއޭއެމްގެ ހުރިހާ ފަރާތެއް ޖެހޭނެ ކަންނޭނގެ އެއްފަރާތަށް ޖެހިލަން. މިއީކީ ހަމައެކަނި އަޅުގަނޑު އެކަނި ހިންގާތަނެއް ނޫން. އަޅުގަނޑާ އެކު އެގްޒެކްޓިވް ކޮމިޓީއެއް އެބަ އޮވޭ، އަޅުގަނޑާ އެކު މަސައްކަތް ކުރާ ބޮޑު މެނޭޖްމެންޓެއް އެބަ އޮވޭ. އަދި ހަމައެޔާއެކީގައި މަސައްކަތް ކުރާ ސްޓާފުން މިތާންގަ އެބަތިބި. އެހެން ވެއްޖެއްޔާ އެއްކައިރިއަށް ޖެހިލަން ޖެހޭނީ އަޅުގަނޑު އެކަންޏެއް ނޫން. ޖެހިލަންޏާ ޖެހޭނީ ހުރިހާ އެންމެން އެއްކައިރި އަށް ޖެހިލަން ކަންނޭނގެ،" ބައްސާމް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އޭނާ އެ މަގާމުގައި ހުއްޓަސް އަދި ނެތަސް ތަހުގީގީ އިދާރާ އަށް އެފްއޭއެމުން ދޭ އެއްބާރުލުން ދެމުންދާނެ ކަމަށެވެ. އެނާ މަގާމުގައި ހުރެގެން ތަހްގީގަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފްއޭއެމް އަށް އެ ކުރާ ތުހުމަތުތައް ދޮގުކަން ސާބިތުކޮށް ދިނުމަށް ވެސް ތަހުގީގު ކުރިއަށްގެންދާން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގެ ގޮތުން ކޮންމެހެން އޭނާ މަގާމުން އެކަހެރިވާން ޖެހޭ ކަމަކަށް ބައްސާމް ދެކެވަޑައެއް ނުގަންނަވަ އެވެ. އޭނާ ވިދާޅުވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ސްވިޒަލެންޑްގެ ޕްރޮސިކިއުޓަރުން ޖިނާއީ ތަހުގީގު ކުރިއަށް ގެންދެވި އިރު ވެސް މަގާމުގައި އިންފަންޓީނޯ ހުންނެވި ކަމަށެވެ.

އެކަމަކު އިންފަންޓީީނޯ އަށް ކުރެވުނީ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެއް ނޫނެވެ. އޭނާގެ މައްސަލަ ތަހިގީގު ކުރީ ސްވިޒަލެންޑްގެ ކުރީގެ އެޓާނީ ޖެނަރަލް މައިކަލް ލައުބާއާ އެކު "ސިއްރު" ބައްދަލުވުންތަކެއް ބާއްވައި ނަހަމަ ބާރުގެ ބޭނުން ކުރުމަށް މަގުފަހިކޮށްދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ.

ބައްސާމްގެ މައްޗަށް މިއޮތީ އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތެވެ. އެ ތުހުމަތުތައް ދޮގުކޮށް ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އެތިކްސް ކޮމިޓީން ނިންމައިފިނަމަ މަގާމުން އެއްކައިރި އަށް ޖެހި ވަޑައިގަންނަވާނެ ކަމަށެވެ.

"އެތިކްސް ކޮމިޓީން ނިންމަވައިފިއްޔާ ހަމަ ގަބޫލުކުރަންވީ ދެއްތޯ،" ބައްސާމް ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމުން އޮތީ އަސާސީ ގަވާއިދުގެ 58 ވަނަ މާއްދާގައި ހަދަން ބުނެފައިވާ، އެތިކްސް ކޮމިޓީ ވެސް ނުހަދަ އެވެ. ޖުޑިޝަލް ކޮމިޓީއެއްގެ ގޮތުގައި އޮންނަން ޖެހޭ އެ ކޮމިޓީ އަށް، ބައްސާމްގެ ދެވަނަ ދައުރަށް ހަތަރު އަހަރު ވާން ދާއިރު ވެސް މީހުން އައްޔަންކޮށްފައެއް ނެތެވެ.

އެފްއޭއެމްގެ އެތެރޭގައި ދެން މިކަމާ ފިޔަވަޅު އަޅާނެ ގުނަވަނެއް ނެތީ އެވެ. ބައްސާމްގެ އިސްތިއުފާ އަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ކުރިއަށްދާ އިރު ވެސް އަމިއްލަ އަށް މަގާމުން ދުރަށް ދިއުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވަ އެވެ. މި ވަރުގެ ބޮޑު ތުހުމަތުތަކެއް އޮތް އިރު ވެސް އަދި އޭނާއާ ގުޅުންހުރި މައްސަލަ ތަހުގީގު ކުރަމުންދާ އިރު ވެސް ބައްސާމް މަގާމުގައި ހުންނެވީ ހަމަޖެހިލައިގެންނެވެ. ހައެއްކަ ކްލަބް އޭނާގެ ކޮންޓްރޯލްގައި އޮތުމުން، ބައްސާމް އެ ހުންނެވީ ބައެއް މީހުން ބުނާ ގޮތުގައި "އަންޓަޗަބަލް ޕާސަން" އެއްގެ ގޮތުގަ އެވެ.

އެހެންވީ އިރު ދެން ހެދޭނެ ގޮތެއް އެބައޮތް ހެއްޔެވެ؟

އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ އެފްއޭއެމް ހިންގަމުންދަނީ އަސާސީ ގަވާއިދާ ހިލާފަށްކަން ސާފުކޮށް އެނގޭ އިރު، ދެން އެކަމަށް ފިޔަވަޅު އެޅެން އޮތީ ސަރުކާރަށެވެ.

އޭނާ ވިދާޅުވީ 2016 ގައި ފީފާގެ ތެރެއިން ފެންމަތިވި ކޮރަޕްޝަންގެ މައްސަލަތަކުގައި ފީފާގެ އޭރުގެ ރައީސް ސެފް ބްލެޓާ އާއި އެކްސްކޯގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ފީފާގެ އެތިކްސް ކޮމިޓީން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ފީފާ އިން ވެސް އެގޮތަށް އަމަލުކޮށްފައިވުމުން އެއީ ފީފާގެ ކޮންމެ މެންބަރު ގައުމަކުން ވެސް އަމަލު ކުރަންޖެހޭނެ ގޮތެއްކަމަށް އާޒިމް ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 60 ވަނަ މާއްދާގެ (3) ގައި ވެސް ބުނެފައި ވަނީ އެފްއޭއެމްގެ ކޯޑް އޮފް އެތިކްސް އެކުލަވާލާނީ ފީފާގެ ކޯޑް އޮފް އެތިކްސްގައި ހިމާނާފައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

މިހާލަތުގައި ސަރުކާރަށް ކުރެވޭނެ ކަންތައްތަކެއް ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަސާސީ ގަވާއިދުގައި ހުރި ކަންކަން ފުރިހަމަ ނުވާނަމަ ސްޕޯޓްސް ކޮމިޝަނަރަށް އެޅޭނެ ފިޔަވަޅުތައް ވެސް އެބަ ހުރި ކަމަށެވެ.

"ކުރެވިދާނެ ކަމަކީ އެ ތަންތަން [ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ދަނޑުތަކާއި އިމާރާތްތައް] ބޭނުން ނުކުރާށޭ ބުނުން. އެއީ ހަމަ ގައިމުވެސް ކުރެވިދާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އަށް ވެސް އެކަންކަން ދެންނެވި ކަމަށެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ފިޔަވަޅުތައް އަޅަމުން ދިޔަނަމަ މިއަދު ފުޓްބޯޅަ އޮތް ހާލަތަށް ވެއްޓިގެން ނުދިޔައީސް ކަމަށެވެ.

ސަރުކާރުން ތެދުވެ ބައްސާމް މަގާމުން އެކަހެރި ނުކުރެވުނަސް ކުޅިވަރުގެ އުސޫލުތަކަށާއި އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން މަޖުބޫރު ކުރަން ޖެހެ އެވެ. އެކަން ކުރޭތޯ ކަށަވަރު ކުރެވުނަސް ބައްސާމަށް މިހާރު ވެސް މަގާމުގައި ނުހުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.