އެފްއޭއެމްގެ ކޮންގްރެސް މި މަހު 25 ގައި
އެފްއޭއެމްގެ ކޮންގްރެސް މި މަހު 25 ގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް މި މަހު 25 ވަނަ ދުވަހު ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ފޯމެޓަށް ގިނަ ބަދަލުތަކެއް ގެނައި މި އަހަރުގެ ބަޖެޓް ފާސްކުރަން ބާއްވާ ކޮންގްރެސް އާއި ގުޅޭ ކަންތައްތައް އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި އަހަރުގެ ބަޖެޓް ވެސް ހިންގާ ކޮމިޓީން ފާސްކޮށްފައިވާއިރު، ކޮންގްރެސްގައި އޮންނާނީ ކްލަބްތަކަށް ހުށަހެޅުމެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު އެފްއޭއެމްގެ ބަޖެޓް އަންނަނީ އަހަރަކަށް ފަހު އަހަރެއް ބޮޑުވަމުންނެވެ. ކްލަބްތަކަށްދޭ މާލީ އެހީތެރިކަމާ އެހެނިހެން ހަރަދުތައް ވެސް އަންނަނީ ބޮޑުވަމުންނެވެ. އެފްއޭއެމުން ބުނީ މި އަހަރުގެ ބަޖެޓުގެ ތެރެއިން ވެސް ފުޓްބޯޅަ އަށް ފައިދާހުރި ގިނަގުނަ ކަންތައްތަކެއް ހިމެނިގެންދާނެ ކަމަށެވެ.

އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ކޮންމެ އަހަރަކު ވެސް ކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ފަހަރުތަކާ ހިލާފަށް އެފްއޭއެމުން ވަނީ މި އަހަރު 12 ކުންފުންޏެއް މެދުވެރިކޮށް ފުރަތަމަ ޑިވިޝަންގެ ކްލަބްތަކާއި މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ކްލަބްތަކަށް ފައިސާދޭން ނިންމައިފަ އެވެ.

މި ގޮތުން އެފްއޭއެމުން ނިންމާފައިވަނީ މާލޭ ލީގުގައި ކުޅޭ އަށް ކްލަބަށް އަށް ކުންފުނިން ހަރަދުކުރާ ގޮތަށް ހަމަޖެއްސުމަށެވެ. ކްލަބްތަކަށް ހަރަދުކުރާނެ ކުންފުނި ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް އެފްއޭއެމުން ބުނެ އެވެ. އަނެއް ހަތަރު ކުންފުނިން ހަރަދުކުރާނީ މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަށެވެ.

މާލޭ ލީގުގެ ކޮންމެ ކްލަބަކަށް މި ކުންފުނިތައް މެދުވެރިކޮށް 2 މިލިއަން ރުފިޔާ ދޭނެ އެވެ. މި ފައިސާ ދޭނީ ހަތަރު ކުއާޓާ އަށް ބަހާލައިގެންނެވެ. މާލޭ ލީގުން ޕްރިމިއާ ލީގަށް ހޮވޭ ހަތަރު ކްލަބަށް އިތުރު އެއް މިލިއަން ރުފިޔާ ދޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ހަތަރު ޓީމަށް ކުންފުނިން ހަރަދު ކުރަން ފަށާނީ ޕްރިމިއާ ލީގާ ހަމައިންނެވެ. އެ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމެއްގެ ހުރިހާ ހަރަދަކަށް 1.5 މިލިއަން ރުފިޔާ ދޭނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ކުންފުނިތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.