25 އޮކްޓޯބަރ 2023 - 10:42

ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދާނަމަ، ޝަރީއަތުގައި ހުންނަ މައްސަލަތައް ސާބިތުވުމުގެ ފުުރުސަތު ކުޑަ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން އިއްޔެ ރައީސްގެ މަންދޫބު އައްބާސް ފާއިޒާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ޝަރީއަތްތައް ލަސްވަނީ ވަކި ނުފޫޒެއް ފޯރާތީ ނޫން ކަމަށާއި އެކަން އެގޮތަށް ހިނގާތީ ދަތިވާ ކަމަށެވެ.
"ލަސްވާ ވަރަކަށް މައްސަލަ ސާބިތުވުމުގެ ފުރުސަތު ކުޑަވާނެ، ހަނދާން ނެތޭލެއް ވެސް ގިނަ ވާނެ. ބައެއް ކަހަލަ އެހެން ކަހަލަ ގޮންޖެހުންތައް ވެސް ކުރިމަތިވާނެ،" މެއި 6 މައްސަލައިގައި ޝަރީއަތްތައް ލަސްވާކަމުގެ ކަންބޮޑުވުމާއެކު ޝަމީމް ވިދާޅުވި އެވެ.
"ބައެއް މީހުން ހެކި ބަސް ދޭން ދާން ބޭނުމެއް ނުވާނެ. ހަތަރު ފަސް އަހަރު ފަހުން މިކަމާ ބެހޭ ގޮތުން ބަޔާނެއް ދޭން ދާން ބުނީމާ ފަސޭހައެއް ވެސް ނުވާނެ."
ތިން އަހަރުތެރޭގައި ނިމިފައިވާ މައްސަލަތައް ޕީޖީކޮޅަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ޕީޖީގެ ތަފާސްހިސާބުތަކުން ހާމަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، މައްސަލަތައް ލަސްވުމުގެ ގޮންޖެހުންތައް ވަރަށް ގިނަ މައްސަލަތަކުގައި ކުރިމަތިވާ ކަމަށާއި ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ޝަރީއަތްތައް ނިމެން ކަމަށެވެ.
ޕީޖީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރާއި 2021 ވަނަ އަހަރު މައްސަލަތައް ކާމިޔާބުވާ ޕަސެންޓޭޖު ހުރީ 80 ޕަސެންޓާ ގާތުގަ އެވެ. އޮކްޓޯބަރު މަހު ސާބިތުވާކަމަށް ނިންމެވި މައްސަލަތައް ނިންމަން އެވްރެޖްކޮށް 553 ދުވަސް ނެގިއިރު، ސާބިތުނުވާކަމަށް ނިންމެވި މައްސަލަތައް ނިންމަން 870 ދުވަސް ނަގާފައިވާ ކަމަށް ދައްކަ އެވެ.
ޝަރީއަތްތައް ލަސްވާ އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި މިވަގުތު އޮތީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ކަން ފާހަގަކުރައްވައި، ދައުލަތުގެ އެހެން އޮފީސްތަކެކޭ އެއްފަދައިން ކްރިމިނަލް ކޯޓަށް ވެސް ތަނެއް ކުއްޔަށް ނުނަގާ ކަމުގެ ކަންބޮޑުވުން ޝަމީމް ފާޅުކުރެއްވި އެވެ.