ދެ ވަނަ ބުރުގައި ފްލެޓަށް 21،000 އަދި ގޯއްޗަށް 19،000 ފޯމު ހުށަހަޅައިފި
ދެ ވަނަ ބުރުގައި ފްލެޓަށް 21،000 އަދި ގޯއްޗަށް 19،000 ފޯމު ހުށަހަޅައިފި

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު މިއަދަށް ހަމަވި އިރު، ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅައިފި އެވެ.

އެ ސްކީމްތަކުގެ ދެވަނަ ބުރުގައި:

• ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމު.

• ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން ހުށަހެޅީ 19،347 ފޯމު.

މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، ދެ ވަނަ ބުރުގައި ކުރިމަތިލި 40،000 މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ނުބުނެ އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ވެސް ގާތްގަނޑަކަށް ހަމަ އެ އަދަދަށް ފޯމު ހުށަހަޅާފައިވެ އެވެ. ފުރަތަމަ ބުރުގައި ފްލެޓާއި ގޯއްޗަށް 20،000 އަށް ވުރެ ގިނަަ މީހުން ކުރިމަތިލާފައިވެ އެވެ.

ނަމަވެސް، އޭގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ. ފްލެޓަށް ހުށަހެޅި 20،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި ނުބުނެ އެވެ.

މި ފަހަރު ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. ފްލެޓަށް ކަނޑައެޅި ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ހިއްކާފައި ހުރި ބިންތަކުން ބައެއް މީހުން ގޯތި ކަނޑައި ދީފައި ވެސް ވެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ 2، 3 އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޭން ވަނީ ނިންމައިފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ފުރަތަމަ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ. މި ސްކީމްގެ ދަށުން ދޫކުރަން ހުޅުމާލޭގައި އަދި އިތުރު 4،000 ފްލެޓް އިމާރާތް ކުރަން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) މިދިޔަ އޮގަސްޓް މަހު ވަނީ ސޮއިކޮށްފަ އެވެ.

ފުރަތަމަ 4،000 ފްލެޓް ހަދަނީ 32 ޓަވަރުގައި ކޮންމެ އިމާރާތެއް 16 ފުލޯ އަށެވެ. އޭގެ ތެރެއިން އަދި ނިމުނީ ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތެވެ.