ފާހަގަ
ފާހަގަ

އާދިއްތަ ދުވަހާ ގުޅޭ

އަހަންނަށް މި ކުރެވުނީ ކީއްހެއްޔެވެ؟ އެހެން މީހެއްގެ ހަޔާތުގެ ތެރެއަށް، އޭނަގެ ހުއްދަ ނުހޯދައި އަހަރެން ވަނީ ކީއްކުރަންހެއްޔެވެ؟ އަހަރެން ބޭނުންވީ އޭނަ ދެކެ ލޯބިވާށެވެ. އޭނަޔާ އިންނާށެވެ. އުފާވެރި ދިރިއުޅުމެއް ފަށާށެވެ. އެއިން އެއްވެސް ކަމެއް ދެން ކުރާނީ ކިހިނެއްހެއްޔެވެ؟ ދުރުން ފެންނަ އިރު ސަލްވާ ކިތަންމެ ސާދާހެން ހީވިޔަސް، ސަލްވާއަކީ ބުއްދިހަމަޖެހޭ ކުއްޖެއް ނޫނެވެ. އަހަރެން ޖެހޭނީ އޭނަޔާ ދުރުގައިހުންނާށެވެ.

ހަޔާތުގެ ބައްތެލި ސަލްވާޔާ ދުރަށް ކެނބުމަށް ޓަކައި، ރިތުގެ ފޫ ވިއްދަންޖެހުނީ އަހަރެންގެ ހިތުގައެވެ. ވަރަށް އުދަނގޫ، ވޭންހުރި ނިންމުމެކެވެ. ހައިފާ އިރުއިރުކޮޅާ ބުނެއެވެ. ދެން ތި ކަން ހުއްޓައިލާށެވެ. ސަލްވާއަކީ ބަލިކުއްޖެކެވެ. އޭނަ ރަނގަޅުވަންދެން މަޑުކުރާށެވެ. ހައިފާއަކަށް އެކައްޗެއް ވެސް ނޭނގެއެވެ. ސަލްވާ ރަނގަޅެއް ނުވާނެއެވެ. ރަނގަޅުވާން އޭނަ ބޭނުންނުވާތީއެވެ. މާޒީޔާ ދުރަށްދާން އޭނަ މަސައްކަތްނުކުރާތީއެވެ.

ކަމެއްވުމުގެ ވަގުތުޖެހުމުން އެ ކަމެއް ޖެހޭނީ ވާށެވެ. އެހެން ހުރިހައި ކަމެއް އެ ކަމަކަށް މަގުފަހިކުރާނެއެވެ. އަހަރެން ބޭނުންވިޔަސް ނުވިޔަސްވެހެވެ. އެއްދުވަހަކު އަހަރެންގެ ފޯނު ވެއްޓުނެވެ. އަހަރެން އެ ފޯނު ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ދުވަހަކު ވެސް ފޯނެއް ނުވެއްޓެއެވެ. ވެއްޓުނު ހަމަ އެކަނި ފަހަރު ފޯނުގެ މޫނުމަތީގައި ރެނދުއެޅިއެވެ. ފޯނެއް ގަންނަން ވިސްނައިލި އިރު، އެ ދަނޑިވަޅަކު އެހައި ފައިސާއެއް ނެތެވެ. އަހަރެން ނިންމީ މަހުންމަހަށް ފައިސާދައްކާ ގޮތަށް ފޯނެއް ގަންނާށެވެ. ދާންޖެހުނީ ސަލްވާ ވަޒީފާއަދާކުރާ ކުންފުންޏަށެވެ. އަހަރެން ބޭނުންވި ފޯނު، އެ ދަނޑިވަޅު ލިބެންހުރީ އެ ތަނުންނެވެ. އެހެން ފަހަރުތަކާ ހިލާފަށް، އެ ފަހަރު އަހަރެން ބޭނުންވީ ސަލްވާއަށް އަހަރެން ނުފެންނާށެވެ. އެހެނަސް، ކަމެއްވާން މެދުވެރިވުމުން އެ ކަމަށް ހުރަސްއެޅޭނީ ކާކަށްހެއްޔެވެ؟ އަހަރެން ދާންޖެހުނީ ސަލްވާ އިންނަ ބަޔަށެވެ. އިށީންނަންޖެހުނީ ސަލްވާ ކުރިމަތީގައެވެ. ސަލްވާގެ ނަޒަރުގައި، ކުރިމަތީގައި އިނީ ކަސްޓަމަރެކެވެ. އެހެނަސް، އަހަންނަށް ސަލްވާ ފެންނަނީ މުވައްޒަފެއްހެނެއް ނޫނެވެ. މީހެއްގެ ވަރަށް ހައްސާސް މައްސަލައެއް އެނގުމުން، އެ މީހަކާ ދޭތެރޭގައި ކުރިން ދެކޭ ގޮތް ބަދަލުވާނެއެވެ. އެ ނަޒަރުން ބަލަން ފެށުމުން، ކުރިން ނުފެންނަ ކަންކަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެ ދުވަހު ސަލްވާ އިނީ އައިނެއްއަޅައިގެންނެވެ. އައިނުގެ ތެރެއިން ސަލްވާގެ މޮނީޓަރު އަހަންނަށް ފެނެއެވެ. މޮނީޓަރުގެ ވޯލްޕޭޕަރަކީ ތުއްތުކުއްޖެއްގެ ތަސްވީރެކެވެ. އަހަރެއް ވެސް ފުރުނުހެން ހީނުވާ ވަރުގެ ކުއްޖެކެވެ. ސަލްވާގެ ފޯނުގެ ވޯލްޕޭޕަރަކީ ވެސް ތުއްތު ކުއްޖެކެވެ. އެހެން މީހެއްގެ ލޮލުގައި އެ ކަންކަން އަޅައިނުގެންފާނެއެވެ. އަހަރެންގެ ފޯނުން ހަމަ އެ އުމުރުގެ ކުއްޖެއްގެ ފޮޓޯ ހޯދީމެވެ. ނުވެސް ދެނަހުރި ކަމަށް ހެދިފައި އަހަރެންގެ ފޯނު މޭޒުމަތީގައި ބޭއްވީމެވެ. ވަގުތުން ސަލްވާގެ ސަމާލުކަން ފޯނާ ދިމާއަށް އެނބުރުނެވެ.

"ހާދަ ލޯބި ފޮޓޯއެއް!" ނީނދެވިގެން ސަލްވާ ބުންޏެވެ.

އަހަރެން ހިތަށްއެރިއެވެ. ހަގީގަތުގައި ވެސް އޭނަ ހަމައެއް ނޫނެވެ. ބުއްދިހަމަޖެހޭ ނަމަ، ކަސްޓަމަރަކާ އެ ގޮތަކަށް ވާހަކައެއް ނުދައްކާނެއެވެ.

"ބޭނުން؟" އަހަރެން އެހީމެވެ. "ކުއްޖެއް ހުރޭތަ؟"

ވަގުތުން ސަލްވާ ހުއްޓުންއެރިއެވެ. ތެދުވިއެވެ. ދިޔައެވެ. ކީއްވެގެންކަން އަހަންނަށް އެނގެއެވެ. ދެނެއް ސަލްވާއެއް ނައެވެ. ފޫހިވެގެން ތެދުވަން އުޅެނިކޮށް ރިފާ އައެވެ. ރިފާއާއި އަހަންނަކީ އެއް ތަނެއްގައި ވަޒީފާއަދާކުރި ދެމީހުންނެވެ. ތިން މަސް ކޮށްފައި ރިފާ ކެނޑުނީއެވެ.

"އެ މަންޖެ ކޮބާ؟" ސަމާސައިގެ ރާގެއްގައި އަހަރެން އެހީމެވެ.

"އެހެން ކަމެއްގަ ބިޒީވީ!" ރިފާ ބުންޏެވެ. "ފޯނެއް ނަގަން ދޯ ތިއައީ؟"

ދޮގުހަދާކަށް ރިފާއަކަަށް ނޭނގޭނެއެވެ. އޭނަގެ މައްސަލައަކީ އެއީއެވެ. އެނގޭ ނަމަ، ތިން މަސް ކޮށްފައި، ކުރިން އުޅުނު އޮފީހުން ކެނޑޭކަށް ނުޖެހުނީހެވެ. އަހަރުމެން ދެމީހުން ފަހުން ކޮފީމޭޒަކުން ބައްދަލުކުރީމެވެ.

"އަހަރެންގެ ރައްޓެއްސަކަށް އެމަންޖެ މާ ކަމުގޮސްގެން އެ ކަން ކޮށްދެވޭތޯ މިއުޅެނީ،" އަހަރެން ވާހަކައެއް ހަދައިލީމެވެ. "އޭނަގެ ނަންބަރު ދީބަލަ!"

"އެއްވެސް ކަމެއް ނޫނެއްނު!" ރިފާ ނަންބަރު ހޯދަމުން ބުންޏެވެ. "އޭނައަށް ކިޔާނީ ސަލްވާ! އެއީ ވަރަށް އެހެން ކަހަލަ މަންޖެއެއް."

އަހަރެން މަޑުމަޑުން އެ ވާހަކައިގެ ތެރެއަށް ވަނީމެވެ. ސުވާލުތައް ކުރަން ފެށީމެވެ.

"ވަރަށް ޝައްކުބަލި ބޮޑުވާނެ،" ރިފާ ކިޔައިދިނެވެ. "ކްލޯސް ފްރެންޑެއް ކަމަކު އެ ކަމެއް އޮތް ގޮަތަކަށް ދޯ ބުނެވޭނީ. އޭނަ އުޅޭނީ ވަކި އެޕާޓުމަންޓެއްގަ. ވަރަށް މަދު މީހަކަށް އެ ތަނަށް ވަދެވޭނީ. އެކަމަކު ސަލްވާގެ ރޫމަށް އެކަކު ވެސް ނުވައްދާނެ. އަހަރެން ވެސް ނުވެއްދި. ކުރީގެ ބިޓު ރުޅިވި ފަހުން އެ ހުންނަނީ ސިންގަލްކޮށް. ހާދަ ބަޔަކު ގުޅައޭ. ރިސޯޓުތަކާ އެއްޗެހި ހުންނަ ބޮޑެތި މަހުޖަނުން ވެސް ގުޅާ! އަޅާ ވެސް ނުލާނެ. ވަރަށް ވިޔަޑް ގޮތަކަށް ސަލްވާ އުޅޭނީ. ފްރެންޑް ކައިރީގަ ބުނޭ ހަނދާންނައްތާލާށޭ، މިހާރު ވެސް ޑިޕްރެޝަނަށް ބޭސްކާ ކުއްޖެކޭ އެއީ. ރައްޓެހިން ވެސް އޭނަޔާ ދުރަށްދިޔައީ ހަމަ އޭނައަށް އުޅެވޭ ގޮތުން. ހާދަ ލޯންލީ ލައިފެކޭ އެ އުޅެނީ. ބައެއް ފަހަރު ވަރަށް ދެރަވޭ."

އަހަރެންގެ ހިޔާލު ބަދަލުވިއެވެ. ހިތަށްއެރިއެވެ. ލޯބިވުމަކީ އުނިސިފަތަކާ އެކުގައި ގަބޫލުކުރުމެވެ. ކޮންމެ ކަމެއްގައި ވެސް އެހީތެރިވުމެވެ. ސަލްވާޔާ ކުރިމަތިލާނީ ހުވަފެނުގައެވެ. އޭނަޔަށް އަހަރެން ފެންނަ ގޮތަށެވެ. ހުވަފެން ފެށުނު އިރު އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައެވެ. ކޮޓަރި ވަރަށް އަނދިރިއެވެ. ހީވަނީ ކަރަންޓު ގޮސްފައިވާހެންނެވެ. އެނދުން ތެދުވަމުން އަހަރެންގެ އަތަށް ބަލައިލީމެވެ. އަތަކު އެސް އަކުރެއް ނެތެވެ. އެއީ ހުވަފެނެއްކަމުގެ ފާހަގައެކެވެ. މަޑުމަޑުން ހިނގަމުން ގޮސް މަގުމައްޗަށް ނުކުތީމެވެ. މަގުބައްތި ހުރީ ދިއްލިފައެވެ. އެހެން އަލިކަމެއް ނެތެވެ. އޭރު ސަލްވާ އަންނަތަން ދުށީމެވެ. ކަނުއަނދިރީގައި ވެސް އަހަންނަށް ސަލްވާގެ ހިނގުން ވަކިކުރެވޭނެއެވެ. ސަލްވާ ހުރީ ދިގުހެދުމެއްގައެވެ. އަހަންނަށް ފެންނަމުންދިޔައީ ހުވަފެނެއްކަމުގެ އަނެއް ހެތްކަކީ އެއީއެވެ. އެ ގަޑީގައި، ދިގުހެދުމެއް ލައިގެން، އެކަނިމާއެކަނި، އަހަރެންގެ ގެ ކައިރިން ސަލްވާ ދާންވީ ކީއްވެހެއްޔެވެ؟ އަހަރެން ހުރީ ނިދާހެދުމުގައެވެ. ސޯޓަކާއި ކޮނޑުކެނޑިއެއްގައެވެ. އެ ލައިގެން އޭގެ ކުރިން ދުވަހަކު ވެސް އަހަރެން މަގުމައްޗަކަށް ނުނިކުންނަމެވެ. އެހެނަސް ހުވަފެނެއްވީމައި، ސަލްވާގެ ބޯކޮޅުބަލަމުން އަހަރެން ދިޔައީމެވެ. ހިތަށްއެރިއެވެ. މި ފަހަރު ސަލްވާޔާ ވާހަކަދައްކާނަމެވެ. އިރުކޮޅަކުން ސަލްވާ ގެއްލުނެވެ.

އަހަރެން ގޮސް ސަލްވާގެ ގެ ކައިރީގައި މަޑުކޮށްލީމެވެ. ގަޑިއެއް ނުބަލަމެވެ. ގަޑިން ވީ އިރެއް ނޭނގެއެވެ. އިރުކޮޅަކުން ސަލްވާ އަންނަ ތަން ފެނުނެވެ. ހަގީގަތުގައި އެއީ ސަލްވާގެ ހުވަފެނެކެވެ. އޭނަ އުޅުނީ ކީއްކުރަންކަމެއް އަހަންނަކަށް ނޭނގެއެވެ. ގައިމު ވެސް އަހަރެންގެ މަގުސަދަކީ ސަލްވާއަށް އެހީވުމެވެ. ވެއްޓިފައިވާ ވަޅުގަނޑުން އޭނަ ނަގައިދިނުމެވެ.

"އައްސަލާމް އަލައިކުމް!" ސަލްވާ ދޮރާށި ކައިރިއަށް ހުއްޓުމުން އަހަރެން ބުނީމެވެ.

ސަލްވާ ސަލާން ބަލައިގަތެވެ. ވަރަށް އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. ހުވަފެނުގައި އެހެންވީމައި ވެސް އަހަރެން ހައިރާންވިއެވެ. އެ ގާތްކަން ދުވަހަކު ވެސް ސަލްވާގެ ފަރާތަކުން ފެނިފައެއް ނެތެވެ. ގެއަށް ވަނީ ދެމީހުން އެކުގައެވެ. އެޕާޓުމަންޓު ހުޅުވައިފައި، އެތެރެއަށް ވަނުމަށް އަހަންނަށް ދައުވަތުދިނެވެ. އަހަރެން ވަނީމެވެ. ސަލްވާ ވަދެފައި ދޮރު ލެއްޕިއެވެ. ތަންޑެއްނާޅައެވެ.

"ހާދަ ބިރުވެރި ރެއެއްގަ ތި އައީ؟" އަނދިރީގައި ސަލްވާ ބުނި އަޑުއިވުނެވެ.

"ބިރުވެރިޔޭ؟" އަހަރެން ބުނީމެވެ. "އަނދިރިއަކީ އެންމެ ޕީސްފުލް އެތި. ވިދާލާފަ ހޮނުއަޅައެއްނު ދޯ؟ އެއީ އަލި. އަނދިރީގަ ފެންނަ ބުޅަލުގެ ދެ ލޮލާ، ޖިންނިއަކީ ވެސް އަލި. ސިއްރެއް ބޭޒާރުވާނީ ވެސް އަލިވީމަ. އަނދިރީގަ ސިއްރު ފޮރުވައިދޭނެ."

ސަލްވާ ލައިޓަރު އެޅުމާއެކު އޭނަގެ މޫނު އަލިވެގެންދިޔައެވެ. އޭނަ އުއްބައްތިއެއް ރޯކޮށްލިއެވެ. އަހަރެން ދެއްކި ވާހަކައަކަށް ރައްދެއް ނުދިނެވެ.

"ސޮރީ!" ސަލްވާ ބުންޏެވެ.

"ކޮންކަމަކާ؟" ހައިރާންވެފައި އަހަރެން އެހީމެވެ.

"ކުރީ ދުވަހު ކަންތައްކުރެވުނު ގޮތުން،" ސަލްވާ ބުންޏެވެ. "ކަސްޓަމަރަކު އައިސް އިންދާ އަހަރެން ތެދުވެގެން ގޮސްގެން ނުވާނެ. އެކަމަކު ކުއްލިއަކަށް ޕާސްޓު ހަނދާންވީމަ.."

"ސޮރީ ބުނަންވީ އަހަރެން،" އަހަރެން ބުނީމެވެ. "އަހައި ވެސް ނުލާ ސަލްވާގެ ޑްރީމް ތެރެއަށް ވަނީމަ."

"ނޭނގުނު ތި ބުނި އެއްޗެއް." ސަލްވާ ބުންޏެވެ.

"ސަލްވާއަށް ތި ފެންނަނީ ހުވަފެނެކޭ!" އަހަރެން ކިޔައިދިނީމެވެ. "މީ އަސްލެއް ނޫނޭ! އެކަމަކު މި ކަން ކުރެވޭނެ ހަމަ އެކަނި ގޮތަކީ މީ. ސަލްވާ ދެކެ އަހަރެން ވަރަށް ލޯބިވޭ! ޕާސްޓް ހަނދާންނައްތާލާފަ އަލުން ފަށަމާ ހިނގާ! ހިނގާ ދަރިފުޅު ވަޅުލަމާ!"

ދެން ސަލްވާ އެއްޗެއް ނުބުންޏެވެ. އެ ދަނޑިވަޅު ކަރަންޓުއައެވެ. އަލިވިއެވެ. ފުރަތަމަ ވެސް އަހަރެންގެ ލޮލުގަ އަޅައިގަތީ އަހަރެންގެ އަތުގައި ޖަހާފައިވާ އެސްއަކުރެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހިތަށްއެރިއެވެ. ކުރިން އެ އަކުރު ނެތީ ކީއްވެހެއްޔެވެ؟ ވީ ގޮތް ވިސްނުނެވެ. އަހަންނަށް ކުރިން ބެލުނީ ނުބައި އަތެކެވެ. އަހަރެން ގަޑިއަށް ބަލައިލީމެވެ. އެ ތަނުގައި އޮތް ފޮތެއް ވެސް ބަލައިލީމެވެ. އެއްވެސް އައިބެއް ނެތެވެ. ދެން ފެނުނީ ސަލްވާ ނުކުތްތަނެވެ. އަތްދަނޑިމަތީގައި އޮތީ، އޮޅާލައިފައިވާ ކުޑަ ފޮތިބޮނޑިއެކެވެ.

"ވަޅުލައިދީ!" ސަލްވާ އެދުނެވެ. "މިކަން މިހާރު ނިމެންވެއްޖެ!"

އަހަރެން އެ ފޮތިބޮނޑީގައި ހިފީމެވެ. އެތެރޭގައި އޮތީ ފިނި އެއްޗެއްކަން އަހަންނަށް އިހުސާސްކުރެވުނެވެ. އެ ހިފައިގެން، މޮޔައަކު ފަދައިން އަހަރެން ނުކުތީމެވެ. އޭގެ ބާވަތުން އަހަންނަށް ވެސް ހުރެވުނީ ފޮތިބޮނޑި އަތްދަނޑިމަތީގައި ބާއްވައިގެންނެވެ. ދިހަ ވަރަކަށް ފޫޓަށް ވެސް ނުދެވުނެވެ. ފުލުހުންގެ ސައިކަލެއް އައިސް އަހަރެން ހުއްޓުވިއެވެ.

ޖަލުގައި އަހަރެން އެކަނިއިން އިރު އަހަރެންގެ ހިތަށްއަރައެވެ. އަހަންނަށް މި ކުރެވުނީ ކީއްހެއްޔެވެ؟ މި އާދެވުނީ ކޮން ތަނަކަށްހެއްޔެވެ؟ އެއްވެސް މީހަކު ލުސިޑް ޑްރީމާއި، ޑްރީމްވޯކިންގް ގަބޫލުކުރާނެހެއްޔެވެ؟ އެހެން ސުވާލެއް ވެސް އަހަރެންގެ ސިކުނޑީގައި އެނބުރުނެވެ. އެކަކަށް ވެސް އަހަރެން މި ވާހަކަ ކިޔައިދޭންވީ ކީއްކުރަންހެއްޔެވެ؟ ލޯބިވާ ނަމަ، އެކަކުއަނެކަކުގެ ސިއްރުތައް ޖެހޭނީ ފޮރުވައިދޭށެވެ. ނުކުރާ ކުށެއް ބޮލުގައިއަޅަންޖެހުމުން އެ ކަން ވެސް ޖެހޭނީ ކުރާށެވެ. ލޯބިވުމަކީ އެއީއެވެ. ލޯބީގެ ފާހަގައަކީ ވެސް އެއީއެވެ.

-ނިމުނީ-