އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދީފި
އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އަށް ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދީފި

ރާއްޖެ އިން އުމްރާ އަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަން އިތުރު ވަގުތު ދީފި އެވެ.

އުމްރާ ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް ޕްރޮޕޯޒަލް ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި އަންނަ މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހަށެވެ. އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އެޑްވާންސްކޮށް، ފައިސާ ނެގުމަކީ މަނާ ކަމެކެވެ.

އުމްރާ އަށް މީހުން ގެންދިއުމަށް ހުއްދަ ލިބިފައިނުވާ ކުންފުނިތަކުން އެ ކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ވަނީ ބުނެފަ އެވެ.