މުވައްޒަފުންގެ އެލަވަންސް ބޮޑުކޮށް، އަންނަ އަހަރު މަޖިލީހަށް 196.2 މިލިއަނުގެ ބަޖެޓެއް
މުވައްޒަފުންގެ އެލަވަންސް ބޮޑުކޮށް، އަންނަ އަހަރު މަޖިލީހަށް 196.2 މިލިއަނުގެ ބަޖެޓެއް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އެލަވަންސްތައް ބޮޑުވާ ގޮތަށް، އަންނަ އަހަރަށް މަޖިލީހަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ނުދޭތާ 11 އަހަރު ވެފައިވާތީ، މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރި އާންމު ކޮމިޓީގެ މެމްބަރުން ވަނީ މުސާރަ ބޮޑުކުރުމުގެ ހުށަހެޅުމެއް ދޭން މަޖިލީހުގެ އިދާރާގައި އެދިފަ އެވެ.

އެކަމަކު މަޖިލީހުގެ އިދާރާ އިން ނިންމާފައިވަނީ މުވައްޒަފުންގެ މުސާރަ ސީދާ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް ބޮޑުކުރާށެވެ.

އެއީ ދައުލަތުގެ އެހެން އިދާރާތަކާ އަޅާބަލާއިރު، މަޖިލީހުގެ މުވައްޒަފުންގެ އަސާސީ މުސާރަ ނިސްބަތުން ބޮޑުވުމުން، މުސާރައަށް ބަދަލު ގެނެސްފި ނަމަ ޕެންޝަނާއި އިތުރު ގަޑިއަށް ދޭ ފައިސާ ވެސް ބޮޑުކުރަންޖެހޭނެތީ ކަމަށް މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ، އެލަވަންސްތައް ބޮޑުކުރަން އަންނަ އަހަރު ހޭދަވާ 4.6 މިލިއަން ރުފިޔާއާ އެކު، ޖުމްލަ 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ހިމެނެ އެވެ.

މަޖިލީހުން މި އަހަރަށް ގާތްގަނޑަކަށް 182 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ، 20 ވަނަ މަޖިލީހަށް އިތުރުވާނެ މެމްބަރުންގެ ހަތް މަހެއްހާ ދުވަހުގެ މުސާރައަށް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

އާބާދީ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ އިންތިހާބަށް ފަހު 20 ވަނަ މަޖިލީހަށް 93 މެމްބަރުން އިންތިހާބު ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާނުކޮށްފަ އެވެ.

ގާނޫނުއަސާސީ ބަޔާންކުރާ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މަޖިލީހުން ފާސްކުރާ ބަޖެޓެއް އެއްވެސް އުނި އިތުރެއް ނުގެނެސް ދައުލަތުން ދޭންވާނެ ކަމަށް މަޖިލީހުގައި ގަވާއިދުގައި ބުނެ އެވެ.