އިމްރާން އަންނަ އަހަރު ފިލްމީ ދާއިރާ އަށް އެނބުރި އަންނަކަން އިއުލާންކޮށްފި
އިމްރާން އަންނަ އަހަރު ފިލްމީ ދާއިރާ އަށް އެނބުރި އަންނަކަން އިއުލާންކޮށްފި

ބޮލީވުޑްގެ ތަރި އިމްރާން ހާން ފިލްމީ ދާއިރާއާ ދުރުގައި ހުންނަތާ އަށް ވަރަކަށް އަހަރު ފަހުން އަންނަ އަހަރު އެނބުރި މަސައްކަތަށް ނުކުންނަކަން އޭނާ އިއުލާންކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އިމްރާން އެކަން އިއުލާންކުރީ މިދިޔަ ހަފުތާގައި ބޮންބޭގައި ބޭއްވި އިވެންޓެއްގައި ފޭނުން ކުރި ބައެއް ސުވާލުތަކަށް ދިން ޖަވާބުގަ އެވެ.

"މާ ރަނގަޅަށް ބުނާ ކަމަށް ނޭނގޭ، އެކަމަކު މި އަންނަނީ އެކި ސްކްރިޕްޓުތައް ކިޔަމުން އަދި ފިލްމީ އުފެއްދުންތެރިންނާ ވެސް އެބަ ވާހަކަދައްކަން. އުއްމީދަކީ އަންނަ އަހަރު ފިލްމެއްގައި މަސައްކަތް ކުރުން،" އޭނާ ބުންޏެވެ.

ފިލްމެއްގައި މަސައްކަތް ކުރާ ވާހަކަ އޭނާ މި ދެއްކީ ސްޕައި ތުރިލާ ފިލްމަކަށް އޭނާ ސޮއިކުރަން އުޅޭ ކަމަށް މީޑިއާގައި ވާހަކަދެކެވެމުން ދަނިކޮށެވެ.

އިމްރާން އެނބުރި ފިލްމީ ދާއިރާއަށް އައުމަށް އޭނާގެ ފޭނުން ވެސް ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އެދެމުންނެވެ. އިމްރާން އަކީ ބޮލީވުޑުން 2008 އާއި 2012 އާ ދެމެދުގައި ނެރުނު ރޮމޭންޓިކް ކޮމެޑީ ފިލްމުތަކުގައި އެންމެ މަގުބޫލު އެއް މޫނެވެ.

އޭނާގެ ފިލްމެއް އެންމެފަހުން ނުކުތީ 2015 ގަ އެވެ. އެއީ ކަންގަނާ ރަނާވަތުއާ އެކު ކުޅުނު "ކައްޓީ ބައްޓީ" އެވެ. އެ ފިލްމުގެ ނާކާމިޔާބީ އަށް ފަހު އޭނާ ވަނީ ފިލްމީ ދާއިރާއާ ވަރަށް ބޮޑަށް ދުރަށް ގޮސްފަ އެވެ.