23 އޮކްޓޯބަރ 2023 - 15:53

ފަލަސްތީނުގައި ހިނގާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން ސްޓެލްކޯއިން ފަސް ލައްކަ ރުފިޔާ ހަދިޔާ ކޮށްފި އެވެ.
ސްޓެލްކޯއިން ފަސް ލައްކަ ރުފިޔާ ހަދިޔާ ކުރީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށެވެ. އެ ކުންފުނިން ބުނީ، އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވަން އެ ކުންފުނިން ދިން އެއީ އަކީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ދިން އެހީ އެވެ.
އެ ފައިސާ ހަދިޔާ ކުރީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ "އަހަރުމެން ފަލަސްތީނާއެކު ފަންޑަ"ށެވެ.
ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުން އަންނަނީ ފަލަސްތީނަށް އެހީވުމަށް ފައިސާގެ އެހީ ދެމުންނެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަށް އެހީވުމަށް 18 މިލިއަނެއްހާ ރުފިޔާ ވަނީ އެއްކޮށްފަ އެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އަށް 17 ދުވަސް ވެގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 4،750 އަށް ވުރެ މަތިވެފަ އެވެ.