23 އޮކްޓޯބަރ 2023 - 14:58

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރަން އިތުރު 4.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރަމުންދާ އާންމު ކޮމިޓީގެ މެމްބަރުންގެ އެދުމުގެ މަތިން މަޖިލީހުގެ އިދާރާ އިން މިއަދު ވަނީ މުވައްޒަފުންގެ މުސާރަ އިތުރުކޮށް، ބަދަލުތަކެއް ކޮމިޓީ އަށް ހުށަހަޅައިފަ އެވެ.
އެ ބަދަލު ހުށަހަޅުއްވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ އިދާރާ އިން ނިންމާފައިވަނީ މުވައްޒަފުންގެ މުސާރަ ސީދާ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް ބޮޑު ކުރަން ކަމަށެވެ.
އެއީ ދައުލަތުގެ އެހެން އިދާރާތަކާ އަޅާބަލާއިރު، މަޖިލީހުގެ މުވައްޒަފުންގެ އަސާސީ މުސާރަ ނިސްބަތުން ބޮޑުވުމުން، މުސާރަ އަށް ބަދަލު ގެނެސްފި ނަމަ ޕެންޝަނާއި އިތުރު ގަޑިއަށް ދޭ ފައިސާ ވެސް ބޮޑުކުރަންޖެހޭނެތީ ކަމަށް ނިއުޝާ ވިދާޅުވި އެވެ.
- ޕާލިމަންޓް ސާވިސް ނަމުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200ރ. ގެ އެލަވަންސް ހާޒިރީ އެލަވަންސަށް ބަދަލުކުރުން.
- ޕާލިމަންޓްރީ ސާވިސް އެލަވަންސަށް އަސާސީ މުސާރައިގެ 20 ޕަސެންޓް ދިނުން.
- މާސްޓާސް ސެޓްފިކެޓަށް ދޭ އެލަވަންސް 1،500ރ. އިން 2،000ރ. އަށް ބޮޑުކުރުން.
- ޑިގްރީ ސެޓްފިކެޓަށް ދޭ އެލަވަންސް 1،000ރ. އިން 1،500ރ. އަށް ބޮޑުކުރުން.
- ޑިޕްލޮމާ ސެޓްފިކެޓަށް ދޭ އެލަވަންސް 7،00ރ އިން 1،000ރ އަށް ބޮޑުކުރުން.
- ޓެކްނިކަލް ސެޓްފިކެޓަށް ދޭ އެލަވަންސް 500ރ. އިން 700ރ. އަށް ބޮޑުކުރުން.
"އަސާސީ މުސާރައަށް ބަދަލު ގެނެސްފިއްޔާ، ބަޖެޓަށް ބުރަ ބޮޑުވެގެން ދާނީ. އެއީ އިތުރު ގަޑި އާއި ޕެންޝަނަށް ކެނޑޭ ވަރާ އެ ހުރިހާ އެއްޗެއް ބޮޑުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާ އިން އަންނަ އަހަރަށް ލަފާކޮށް އާންމު ކޮމިޓީއަށް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 186 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލާ އެކު އެ އަދަދު 190 މިލިއަނެއްހާ ރުފިޔާ އަށް އިތުރުވާނެ އެވެ.
މިއަދު ހުށަހެޅި ބަދަލާ އެކު، މަޖިލީހުގެ 2024 ގެ ބަޖެޓު މާދަމާގެ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
މަޖިލީހުން މި އަހަރަށް ގާތްގަނޑަކަށް 182 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ 20 ވަނަ މަޖިލީހަށް އިތުރުވާނެ މެމްބަރުންގެ ހަތް މަހެއްހާ ދުވަހުގެ މުސާރަ އަށް ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
އާބާދީ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ އިންތިހާބަށް ފަހު 20 ވަނަ މަޖިލީހަށް 93 މެމްބަރުން އިންތިހާބު ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާނުކޮށްފަ އެވެ.