23 އޮކްޓޯބަރ 2023 - 13:08

އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރެންސަންގެ މަޝްހޫރު އެއާލައިން، "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެ މިއަދު ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ، ވާޖިން އެޓްލާންޓިކް އިން ލަންޑަންގެ ހީތުރޯ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ކުރާނެ ކަމަށެވެ. ވާޖިން އެއާލައިންގެ ބޮއިން 787 މަރުކާގެ ފުރަތަމަ ބޯޑު މިއަދު ޖެއްސީ، ހެނދުނު 7:40 ގަ އެވެ.
އެ އެއާލައިނުން ރާއްޖެ އަށް ދަތުރު ކުރާ ބޯޓުގައި އަޕާ ކްލާސްގެ 31 ސީޓާއި ޕްރީމިއަމް ކްލާސްގެ 35 ސީޓާއި އިކޮނޮމީ ކްލާސްގެ 192 ސީޓު ހުރެ އެވެ.
ވާޖިން އެޓްލާޓިކްގެ އަޕާ ކްލާސްގައި ދަތުރު ކުރާ ފަރާތްތަކަށް އޮށޯވެ އޮތުމަށް އެނދެއް ލިބޭ އިރު، އޮންބޯޑް ބާއެއްގެ އިތުރުން އިށީނުމަށް ލަގްޒަރީ ގޮނޑި ވެސް ލިބޭނެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ މަހްޖޫބު ޝުޖާއު ވިދާޅުވީ، ވާޖިން އެއާލައިނާ އެކު އިނގިރޭސިވިލާތާއި ރާއްޖެ ގުޅާލެވި، ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރަން އިތުރަށް ފަސޭހަވާނެ ކަމަށެވެ.
ބްރިޓިޝް ހައި ކޮމިޝަނާ ކެރޯން ރޮސްލާ ވިދާޅުވީ، ރާއްޖެއާ އެ ގައުމާ ދެމެދު ސީދާ ދަތުރުކުރާ އެއާލައިނުތައް އިތުރު ކުރުމަކީ، ދަތުރު ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އިނގިރޭސިވިލާތަކީ ރާއްޖެ އަށް ހަތަރު ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ގައުމެވެ.
އެ ގައުމުން މި އަހަރުގެ މިހާތަނަށް 117،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އާ އެއާލައިނާ އެކު ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.