އީގަލްސް އިން ވެޓެރަންސް އަށް ފުޓްސަލް ލީގެއް
އީގަލްސް އިން ވެޓެރަންސް އަށް ފުޓްސަލް ލީގެއް

ކްލަބް އީގަލްސްގެ ވެޓެރަންސް އިސްނަގައިގެން، ކްލަބް އީގަލްސް ވެޓެރަންސް ލީގު ސިކްސް އަ ސައިޑް ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ފެށި މުބާރާތް އަންނަ މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މުބާރާތް ކުޅެނީ މާފަންނު ސްކޫލް ކައިރީގައި ހުންނަ މިނީ ޓާފް ދަނޑުގަ އެވެ. މުބާރާތުގައި ފަސް ޓީމު ބައިވެރި ވެފައި ވެއެވެ.

ލީގު އުސޫލުން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 22 މެޗު ކުޅެން ހަމަޖެހިފައި ވެއެވެ. މެޗުތައް ކުރިއަށް ގެންދަނީ ހަފްތާއަކު ހަތަރު މެޗު ކުޅޭ ގޮތަށެވެ. މެޗު ކުޅޭނީ ކޮންމެ އާދިއްތަ ދުވަހަކާއި ބުދަ ދުވަހުގެ ރޭގަނޑެވެ.

އެގޮތުން މިރޭ ވެސް މި މުބާރާތުގެ ފޯރި ގަދަ ދެ މެޗު ކުޅޭނެ އެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވައިޓް އީގަލްސް އާއި ޓީމް ނޯތު ވެސްޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހުސް އޯޓީޕީ އާއި ސެވެން ސްޓާސް އެވެ.

މިހާތަނަށް މުބާރާތުގައި ކުޅެފައިވާ މެޗުތަކަށް ފަހު، މިހާރު ލީގު ތާވަލް އޮތްގޮތުން އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ ޕިންކް އީގަލްސް އެވެ. ދެވަނައިގައި އޮތީ އެއް މެޗު ކާމިޔާބުކޮށް، އެއް މެޗު އެއްވަރުކުރި ހުސް އޯޓީޕީ އެވެ. އެއް މެޗު ކާމިޔާބުކުރި ސެވެން ސްޓާސް ތިންވަނައިގައި އޮތްއިރު، އެއް ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ ވައިޓް އީގަލްސް އެވެ. ޓީމް ނޯތު ވެސްޓް ކޯނަރަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގެ އޮފިޝަލުން ފާހަގަ ކުރައްވާ ގޮތުގައި އީގަލްސް ކޮމިއުނިޓީ އަށް ނިސްބަތްވާ މާފަންނު ހުޅަނގު އުތުރަކީ ދުޅަހެޔޮ އެކުވެރި ބަޔަކު ދިރިއުޅޭ އެއްބައިވަންތަ ހިސާބެއް ގޮތުގައި ބޭއްވުމަށް، މިފަދަ މުބާރާތްތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.