22 އޮކްޓޯބަރ 2023 - 14:46

ވ. ރަކީދޫ ސެޓެލައިޓް ސްކޫލުގައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރާ އެކު ރަކީދޫ ސެޓެލައިޓް ސްކޫލްގައި ކިޔަވައިދޭން ނުފެށުނީ ސްކޫލަށް ވަންނަން ހުށަހެޅި ކުދިންގެ އުމުރު ހަމަނުވާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު ވ. އަތޮޅު ކައުންސިލުން ކުރިން އޭރު ބުނެފައިވަނީ އުމުރު ހަމަވާ ހަތަރު ކުއްޖަކު ފުރުސަތު ނުލިބި އެބަތިބި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ބަންދަށް ފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށިއިރު ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމަށް މިއަދު ކިޔަވައިދޭން ފަށައިފައިވާ ކަމަށެވެ. އެ ސްކޫލުގައި މިއަދު ކިޔަވަން ފެށީ ތިން ދަރިވަރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސަތޭކައެއްހާ މީހުން ދިރިއުޅޭ ރަކީދޫގައި އެންމެ ފަހުން ކިޔަވައިދީފައި ވަނީ 2008 ގަ އެވެ. އެ ރަށުގައި ކިޔަވައިދިނުން މެދުކަނޑާލަން ޖެހުނީ އާބާދީ މަދުވެ، އަސާސީ ހިދުމަތްތައް ނުލިބި އެހެން ރަށްތަކަށް މީހުން ބަދަލުވުމުންނެވެ.
ރާއްޖޭގެ ހަ ރަށެއްގައި މިހާރު މިވަނީ ސެޓެލައިޓް ސްކޫލް ނިޒާމަށް ކިޔަވައިދޭން ފަށައިފަ އެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫ ސްކޫލެވެ.