06 ނޮވެމްބަރ 2023 - 10:20

އޮޓަމޭޓެޑް ޓައިމިން ސިސްޓަމް އަދި ޕުޝްޕެޑް ބޭނުން ކޮށްގެން ފެތުންތެރިންގެ ޓައިމިން ނަގަން ސްވިމިން އެސޯސިއޭޝަނުން ފަށައިފި އެވެ.

މި ސިސްޓަމްގެ ސަބަބުން ދިވެހި ފެތުންތެރިންގެ ކުރިއެރުމަށް އިންގިލާބީ ބަދަލެއް އަންނާނެކަން އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވި އެވެ. މި ސިސްޓަމް ގާއިމް ކުރަން އެތުލީޓުންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަ ކުރެ އެވެ.
"ގާތްގަނޑަކަށް 400،000 އަށް ވުރެ ބޮޑު ހަރަދެއް މި ސިސްޓަމަށް ހޭދަވި. އެސޯސިއޭޝަންގެ އިތުރުން ހެޔޮއެދޭ ގިނަ ބެލެނިވެރިންނެއް ވަނީ މި ސިސްޓަމް ގާއިމް ކުރުމަށް މާލީގޮތުން ބޮޑު އެހީއެއް ވެދީފަ. އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މި ކުޅިވަރަށް ބޮޑު ކުރިއެރުމެއް ހޯދައިދޭން އެބޭފުޅުން ވެދެއްވީ ވަރަށް ވެސް ބޮޑު އެހީއެއް،" އިސްމާއިލް ވިދާޅުވި އެވެ.
އޮޓަމޭޓެޑް ޓައިމިން ސިސްޓަމް ބޭނުންކުރަން ފެށުމާ ހަމައަށް ރާއްޖޭގައި އިވެންޓްތަކުގެ ވަގުތު ބެލީ ސްޓޮޕްވޮޗް ޖައްސައިގެންނެވެ. އޭގެ ސަބަބުން އެންމެ އެކިއުރޭޓްކޮށް ވަގުތު ނުނެގުމުގެ ޝަކުވާ އާއި، ނަތީޖާ ލިބުން ލަސްވުމުގެ ޝަކުވާ ވެސް ލިބޭކަމަށް އިސްމާއިލް ވިދާޅުވި އެވެ. ނަމަވެސް އަލަށް ގާއިމް ކުރެވުނު ސިސްޓަމްގެ ސަބަބުން އެކަމަށް ލުޔެއް ލިބިގެން ދާނެ ކަމަށް އިސްމާއިލް ފާހަގަ ކުރެއްވި އެވެ.
"ކުރިން ރެކޯޑްތައް ބަލަހައްޓަން ވަރަށް އުނދަގޫ ވެފަ އޮންނަނީ، ނަތީޖާ އިއުލާން ކުރުމުގައި ވެސް ލަސްތަކެއް ދިމާވޭ. ދެން ސްޓޮޕްވޮޗް ބޭނުން ކޮށްގެން ޓައިމިން ނަގާއިރު އެންމެ ފުރިހަމައަށް އެކަން ނުކުރެވޭ ކަމަށް ބުނެ ޝަކުވާތައް ވެސް ލިބޭ،" އޮޓަމޭޓެޑް ޓައިމް ސިސްޓަމަކާ ނުލައި ޓައިމިން ރެކޯޑްކުރުމުގައި ދިމާވި އުނދަގޫތަކާ ގުޅޭގޮތުން އިސްމާއިލް ވިދާޅުވި އެވެ.
"ނަމަވެސް މިހާރު ކޮންމެ ކުއްޖަކަށް ވެސް އެކުއްޖެއްގެ ޓައިމިން އެކިއުރޭޓްކޮށް ސްކްރީނުން ވަގުތުން ފެންނާނެ. އޭގެ ސަބަބުން ފެތުންތެރިންގެ ޑިވެލޮޕްމަންޓަށް އިތުރު ކުރިއެރުން ލިބި ފެތުންތެރިންގެ ސްޕީޑް އަވަސް ކުރުމަށް ވެސް މަގުފަހިވެގެން ދާނެ."
މިހާރު ކުރިއަށް ގެންދާ 47 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި މި ސިސްޓަމް ވަނީ ބޭނުން ކުރަން ފަށާފަ އެވެ.
އިސްމާއިލް ވިދާޅުވީ، ސްވިމިން ޕޫލް ނޯންނަ ރަށްރަށުގައި މޫދުގައި މުބާރާތްތައް ކުރިއަށް ގެންދާއިރު، އޮޓަމޭޓެޑް ޓައިމް ސިސްޓަމް ބޭނުން ކުރެވުނަސް، މޫދު ލޮނުގަނޑުތެރޭގައި ޕުޝްޕެޑް ބޭނުން ނުކުރެވޭނެ ކަމަށެވެ.
ހަމަ އެއާ އެކު ޝޯޓްކޯސް (25 މީޓަރު) އަދި ލޯންގްކޯސް (50 މީޓަރު) ހުރިހާ އިވެންޓެއްގައި ވެސް މި ސިސްޓަމުން ނަތީޖާ ރެކޯޑް ކުރެވޭނެ އެވެ. ނަމަވެސް ޝޯޓްކޯސް އިވެންޓްތަކަށް ހާއްސަ މި ސިސްޓަމުން 50 މީޓަރު ޕޫލްގައި ބާއްވާ އިވެންޓްތަކުގެ ޓައިމްތައް ގައުމީ ރެކޯޑް ގޮތުގައި ނުބެލެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.