ރާއްޖެ-ލަންކާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން މި ހަފުތާގައި
ރާއްޖެ-ލަންކާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން މި ހަފުތާގައި

ރާއްޖެ އާއި ސްރީލަންކާއިން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ތިން ވަނަ ބައްދަލުވުން މި ހަފުތާގެ ތެރޭގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ބާއްވާ އެ ބައްދަލުވުމުގައި، ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ކަމަށެވެ. އަދި ލަންކާގެ ވަފުދުގައި އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ އެ ގައުމުގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގައި 1984 ވަނަ އަހަރު އުފެއްދި އެ ކޮމިޝަނުގެ ބައްދަލުވުމެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2006 ވަނަ އަހަރު އެވެ. އަދި ދެ ވަނަ ބައްދަލުވުން 2014 ވަނަ އަހަރު ބޭއްވީ ރާއްޖޭގަ އެވެ.

މި ބައްދަލުވުންތަކުގެ ތެރޭގައި، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ. އަދި އެ މަޝްވަރާތަކާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފޮރިން މިނިސްޓަރު އާސިމް ވަނީ ލަންކާއަށް ވަޑައިގެން، އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފަ އެވެ.