20 އޮކްޓޯބަރ 2023 - 19:53

ސީ ސްޕޯޓްސް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގައި 14 އަހަރާއި 16 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އުމުރުން 12 އަހަރުގެ ޔަސީން އަހުމަދު ނާޝިދު ހޯދިއިރު، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ސައްޔިދު ސަލާހުއްދީން ހޯދައިފި އެވެ.
މިއަދު މެންދުރު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ 16 އަހަރުން ދަށުގެ ފައިނަލް ހީޓުގައި، މިދިޔަ އަހަރުގެ ވެސް މި އުމުރުފުރާގެ ޗެމްޕިއަން ޔަސީން ވަނީ 7.25 ޕޮއިންޓުގެ ރާޅަކާއި ފަސް ޕޮއިންޓުގެ ރާޅަކާ އެކު ޖުމްލަ 12.25 ޕޮއިންޓް ހޯދައިފަ އެވެ. މި ފައިނަލްގައި ޔަސީން އާ ވާދަކުރި ސައްޔިދަށް ލިބުނީ ޖުމްލަ 9.75 ޕޮއިންޓެވެ.
ސެމީ ފައިނަލްގައި ޔަސީން އާ ވާދަކުރި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަދި ސައްޔިދާ އެކު ވާދަކުރި ނޫހް މުހައްމަދު ދުނެއިމް އިރުޝާދަށް ވަނީ މި އުމުރުފުރާގެ ތިންވަނަ ލިބިފަ އެވެ.
ސާދަ އަހަރުން ދަށުގެ ޗެމްޕިއަންކަން ޔަސީން ހޯދީ ވާދަވެރި ހީޓަކަށް ފަހު ޖުމްލަ 12.75 ޕޮއިންޓް ހޯދައިގެން ކަޔާން ފަހަތަށް ޖައްސާލައިފަ އެވެ. ޔަސީން ވަނީ އޭނާގެ ފުރަތަމަ ރާޅަށް 5.50 ޕޮއިންޓް އަދި ތިންވަނަ ރާޅަށް 7.25 ޕޮއިންޓް ހޯދައިފަ އެވެ. ކަޔާން މި ހީޓުގައި ހޯދި 6.50 އަކާއި 4.50 އަކާ އެކު ލިބުނީ ޖުމްލަ 11 ޕޮއިންޓެވެ.
މި އުމުުފުރާގެ ތިންވަނަ ލިބުނީ އަހުމަދު އާލް އާދިލް އާއި ނޫހް އަށެވެ. ސެމީގައި އާލް ވަނީ ޔަސީން އާ ވާދަކޮށް 3.90 ޕޮއިންޓް ހޯދައިފަ އެވެ. ޔަސީން ފައިނަލަށް ދިޔައީ 13.50 ޕޮއިންޓް ހޯދައިގެންނެވެ. ކަޔާން ފައިނަލަށް ދިޔައީ ނޫހް އާ ވާދަކޮށް ޖުމްލަ 7.85 ޕޮއިންޓް ހޯދައިގެންނެވެ. ނޫހް އަށް ލިބުނީ 4.15 ޕޮއިންޓެވެ.
މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ސައްޔިދު ހޯދީ ފައިނަލް ހީޓުގައި 10.50 ޕޮއިންޓް ސްކޯ ކޮށްގެން މުހައްމަދު ޒަޔާން ފަހަތަށް ޖައްސާލައިފަ އެވެ. ޒަޔާނަށް މި ހީޓުގައި ލިބުނީ 9.25 ޕޮއިންޓެވެ.
ސައްޔިދު މި އުމުރުފުރާގެ ފައިނަލަށް ދިޔައީ 10.25 ޕޮއިންޓް ހޯދައިގެން، ހަތް ޕޮއިންޓް ހޯދި މުހައްމަދު އިނާން އަބްދުލް ހަންނާން ފަހަތަށް ޖައްސާލައިފަ އެވެ. ޒަޔާން ވަނީ ސެމީގައި ޝާނިފް ޝަފީގާ ވާދަކޮށް ޖުމްލަ 10.25 ޕޮއިންޓް ހޯދައިފަ އެވެ. ޝާނިފް އަށް ލިބުނީ 6.75 ޕޮއިންޓެވެ. އިނާން އާއި ޝާނިފް އަށް ވަނީ މި އުމުރުފުރާގެ ތިންވަނަ ލިބިފަ އެވެ.