20 އޮކްޓޯބަރ 2023 - 17:25

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކައި ނިމިއްޖެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭން ނިންމާފައިވާ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 22 ގަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.

އާބަންކޯ އިން ބުނީ ފުރަތަމަ ހިއްކަން ނިންމާފައިވާ ސައިޓް އޭގެ 10 ހެކްޓަރުގެ ބިން ހިއްކައި މިހާރު ނިމިފައިވާ ކަމަަށެވެ.
ސައިޓު ބީގެ ބިން ހިއްކަން މިހާރު ފަށާފައިވާ ކަމަށާއި އެހެންވެ، އެ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް 22 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ ކުރިން ނަގައި ދިނުމަށް އެކުންފުނިން ވަނީ އެދިފަ އެވެ. ސައިޓު ބީން ހިއްކަނީ 53 ހެކްޓަރުގެ ބިމެވެ.
ފޭސް ތިނެއްގެ ގޮތުގައި ހުޅުމާލެ ފަޅު ތެރެއިން ހިއްކަން ހަމަޖެހިފައި ވަނީ 63 ހެކްޓަރުގެ ބިމެވެ.
އާބަންކޯއިން އެ މަސައްކަތް 259.2 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި ވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އެވެ.
އެ މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ހުޅުމާލެ ފޭސް ތިނެއްގެ މަގުތަށް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމެވެ.
ސީއެމްސީގެ ޒިންމާއަކީ ކޮންޓްރެކްޓް ފައިނޭންސް އުސޫލުން އެ ހުރިހާ ސަރަހައްދެއްގައި މަސައްކަތް ކުރުން ކަމަށް ވެސް އާބަންކޯއިން ބުންޏެވެ. އެކި މަސައްކަތްތަކަށް އެ ކުންފުނިން (ސީއެމްސީން) އެކި ސަބްކޮންޓްރެކްޓަރުން ބޭނުން ކުރަމުންދާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮދްކާލިސް އާ އެވެ.
އެ މަޝަރޫއުގެ ޖުމްލަ އަގު އަދާކުރަނީ ޕޭމެންޓް ޕްލޭނެއްގެ ދަށުންނެވެ. އެގޮތުން ފައިސާ ހޯދުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމާއި ތިލަފުށިން ހިއްކައި 9.8 ހެކްޓަރުގެ ބިން ވިއްކައިގެން ކަމަށް އާބަންކޯއިން ބުނެ އެވެ.
މި ސަރުކާރުން ބުނެފައިވާ ގޮތުން މި ދައުރު ނިމުމުގެ ކުރިން އެ ސަރަހައްދު ހިއްކައި މާލެ ރައްޔިތުންނަށް ގޯތި ހަވާލުކުރާނެ އެވެ.