ނަލަންދޫގައި ރިސޯޓެއް ހަދަން އަނެއްކާ ވެސް ބީލަމަށް
ނަލަންދޫގައި ރިސޯޓެއް ހަދަން އަނެއްކާ ވެސް ބީލަމަށް

ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިދިޔާ އޮގަސްޓު މަހު ވެސް އިއުލާން ކުރި އެވެ. ނަމަވެސް އަލުން އިއްޔެ ވަނީ އަނެއްކާ ވެސް ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް އަލުން ބީލަމަށް ހުޅުވާލައިފަ އެވެ.

އެނގިފައިވާ ގޮތުގައި ނަލަންދޫ އަލުން ބީލަމަށް ހުޅުވާލީ ފުރަތަމަ ބުރުގައި ކުރިމަތިލި ފަރާތް ޑިސްކޮލިފައިވެފައި ވާތީ އެވެ.

އިއްޔެ ކުރި އެ އިއުލާނުގައިވާ ގޮތުގައި އަންނަ މަހުގެ ހައެއްގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހެ އެވެ.

ގުދުރަތީގޮތުން ރީތި ނަލަންދޫ މީގެ ކުރިން ބޭނުން ކުރަމުން ދިޔައީ އަމިއްލަ ފަރާތަކުންނެވެ. ކުރީގެ ސަރުކާރުތަކުން އެ ރަށް އޮތީ ލަނޑާ އާލާކުރާ ބަޔަކަށް ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް އެ ރަށުގައި އޭރު ވެސް ދަނޑުވެރިކަމުގެ އިތުރުން މަސް ކައްކައި ހިއްކުމުގެ މަސައްކަތް ވެސް ކުރި އެވެ.

މި ސަރުކާރުން ވަނީ އޭރު އެ ރަށް ހިންގަމުން ދިޔަ މީހުން އަތުން އެ ރަށް ނަގައި، ރިސޯޓު ހެދުމަށް ނިންމައިފަ އެވެ. އަދި އެ މީހުންނަށް ލ. އަތޮޅުން ވަނީ ރަށެއް ދީފަ އެވެ.