އުރީދޫގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ފަށައިފި، 185،000ރ. ގެ ފައިސާގެ އިނާމު!
އުރީދޫގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ފަށައިފި، 185،000ރ. ގެ ފައިސާގެ އިނާމު!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި ރޭ ފަށައިފި އެވެ.

އެ ކުންފުނިން ބުނީ، އެ މުބާރާތުގައި ބައިވެރިވާން 350 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ އާއި ކޮސްޕްލޭ އާއި އެފްސީ 24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް އޮންނާނެ އެވެ.

ހުޅުމާލޭގައި ދާދި ފަހުން ހުޅުވި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި މި ހަފުތާ ބަންދުގައި ކުރިއަށް ގެންދާ ގޭމާސް ލޭންޑް ފެސްޓިވަލް ރަސްމީކޮށް ރޭ ފައްޓަވައި ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބައްސާމް އަލް މޮމާނީ އާއި ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒެވެ.

ގޭމިން ފެސްޓިވަލްގައި ބާއްވާ މުބާރާތްތަކުން މޮޅުވާ މީހުންނަށް ފައިސާގެ ބޮޑެތި އިނާމުތަކުގެ އިތުރުން ހުރިހާ އުމުރު ފުރައެއްގެ ގޭމަރުންނަށް ވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ޖުމްލަ 185،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" އަކީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ހަރަކާތެވެ.

ޕަބްޖީ މުބާރާތުގެ ފައިނަލް މެޗްތަކުން ވަނަ ހޯދާ ޓީމުތަކަށް 89,000ރ ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. ފީފާ އީއޭއެފްސީން 40،000ރ. ރޭސިން ސިމް ޗެލެންޖުން 25،000ރ. ޓެކެން މުބާރާތުން 10،000ރ. އަދި ކޮސްޕްލޭ މުބާރާތުން ވެސް 10،000ރ. ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ގޭމިން ފެސްޓިވަލަށް ދާ މީހުން ކްލޯ މެޝިންގެ އިތުރުން ވީއާރު ގޭމިން ތަޖުރިބާކޮށް، މުބާރާތުގައި ބައިވެރިވާ މީހުންގެ ކުޅުން ބަލާލައި، ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ގޭމިން ފެސްޓިވަލްގެ ވަނަތައް އިއުލާން ކުރާނީ މާދަމާ ރޭގަ އެވެ.