20 އޮކްޓޯބަރ 2023 - 10:53

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ގުގުރުމާ އެކު، ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިއަދާއި މާދަމާ ވެސް އުތުރަށް ވިއްސާރަ ވާނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި އެ ހިސާބުތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ އެވެ.
ވައިގެ ބާރުމިން މިއަދު ހުރިއިރު ދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރާއިރު ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން އިއްޔެ ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.
އެ އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ށ. ފުނަދޫއަށެވެ. އެ ރަށަށް 50.4 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ވެފައިވެ އެވެ. މިދިޔަ ހުކުރު ދުވަހު ވަނީ ހއ. ދިއްދޫ އާއި ހފ. ފިނޭގައި ފެންބޮޑުވެ އެހީތެރިކަން ފޯރުކޮށްދީފައ އެވެ.
ޑިޒާސްޓާ މެނޭޖްމެންޓާއި އެމްއެންޑީއެފުން ދަނީ އެ ރަށްރަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.