19 އޮކްޓޯބަރ 2023 - 14:37

މިއަދު ފެށި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގައި "މަރުހަބާ ކަޕް" ނަމުގައި ޓީމް އިވެންޓް ބާއްވަން ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނިންމައިފި އެވެ.

ކުރިއަށް އޮތް އަހަރަށް ގައުމީ ޖޫނިއާ ސާފިން ޓީމު އެކުލަވާލުމުގެ މަގުސަދުގައި ބާއްވާ ޖޫނިއާ ޗެމްޕިއަންޝިޕްގައި މިއަހަރު ޓީމް އިވެންޓް ބާއްވަނީ މުޅިން އަލަށެވެ. ޓީމް އިވެންޓް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާން އެތުލީޓުންނަށް ޓީމެއްގެ ގޮތުގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެމްއެސްއޭ އިން މައުލޫމާތުދެ އެވެ.

ޓީމް އިވެންޓުގައި ހަތަރު ޓީމެއް ހިމެނެ އެވެ. އެއީ ޓީމް ޔަސީން، ޓީމް ޝާނިފް، ޓީމް ސައްޔިދު އަދި ޓީމް ކައި އެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިއަދު ފެށި ޖޫނިއާ ޗެމްޕިއަންޝިޕްގައި ތިން އުމުރުފުރާއަކުން ޖުމްލަ 13 ރާޅާއެޅުންތެރިން ވާދަ ކުރެ އެވެ.

މިއަދު މުބާރާތް ފެށީ 14 އަހަރުން ދަށުގެ އުމުރުފުރާއިންނެވެ. ފަސް އެތުލީޓުން ވާދަކުރާ މި އުމުރުފުރާގެ ފުރަތަމަ ބުރުގައި ދެ ހީޓެއް ކުރިއަށް ދިޔަ އެވެ. ފުރަތަމަ ހީޓުގެ އެއްވަނަ ހޯދީ ޖުމްލަ 11.33 ޕޮއިންޓް ސްކޯ ކުރި ޔަސީން އަހުމަދު ނާޝިދެވެ. ދެވަނައަށް ދިޔައީ 5.56 ޕޮއިންޓް ހޯދި ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ. ތިންވަނައަށް ދިޔަ މުހައްމަދު ސާއި އަހުމަދު ޝިބާއު އަށް ލިބުނީ 2.46 ޕޮއިންޓެވެ.

ދެވަނަ ހީޓު ކާމިޔާބު ކުރީ 10.66 ޕޮއިންޓް ހޯދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ދެވަނައިގައި ނިންމި އަހުމަދު އާލް އާދިލް އަށް ލިބުނީ 2.47 ޕޮއިންޓެވެ.

މި އުމުރުފުރާގެ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ޔަސީން އާއި އާލް ވާދަކުރާ ގޮތަށް ހަމަޖެހިފައި ވާއިރު، ދެވަނަ ހީޓުގައި ވާދަކުރާނީ ކަޔާން އާއި ނޫހް އެވެ.

އެއަށް ފަހު ކުރިއަށް ގެންދިޔައީ 18 އަހަރުން ދަށުގެ އުމުރުފުރާގެ ހީޓްތަކެވެ. ހަތް އެތުލީޓުން ވާދަކުރާ މި އުމުރުފުރާގެ ފުރަތަމަ ހީޓުގެ އެއްވަނަ ހޯދީ 10.83 ޕޮއިންޓް ހޯދި ޝާނިފް ޝަފީގެވެ. ދެވަނައަށް ދިޔަ މުހައްމަދު އިނާން އަބްދުލް ހަންނާނަށް ލިބުނީ 8.83 ޕޮއިންޓެވެ. އަދި ތިންވަނައަށް ދިޔަ އަހުމަދު ނިހާލް ވަނީ 4.33 ޕޮއިންޓް ހޯދައިފަ އެވެ.

ދެވަނަ ހީޓުގެ އެއްވަނަ ހޯދީ މުހައްމަދު ޒަޔާނެވެ. އޭނާ ހީތް ކާމިޔާބު ކުރީ 8.83 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ދެވަނައަށް ދިޔަ ސައްޔިދު ސަލާހުއްދީނަށް 7.60 ޕޮއިންޓް ލިބުނު އިރު ތިންވަނައަށް ދިޔަ އިސްމާއިލް މަދުހު އަހުމަދަށް ވަނީ 3.43 ޕޮއިންޓް ލިބިފަ އެވެ.
ކޮންމެ ހީޓަކުން އެންމެ މަތިން ސްކޯ ކުރި ދެ ރާޅާއެޅުންތެރިންނަށް ކުއާޓާ އިން ސީދާ ޖާގައެއް ލިބުނުއިރު، ދެން ތިބި ކުދިން ވަނީ ރެޕޭ ޗާޖް ހީޓެއްގައި ވާދަ ކޮށްފަ އެވެ. މަދުހު އާއި ނިހާލް އަދި ރާއިން ހާޝިމް ވާދަކުރި މި ހީޓުން ކުރި ހޯދައި ކުއާޓާގެ ޖާގަ ޔަގީން ކުރީ މަދުހު އާއި ނިހާލް އެވެ. މަދުހު އަށް 5.23 ޕޮއިންޓް ލިބުނުއިރު ނިހާލަށް ލިބުނީ 3.57 ޕޮއިންޓެވެ. ރާއިން އަށް ހޯދުނީ 2.33 ޕޮއިންޓެވެ.
އަށާރަ އަހަރުން ދަށުގެ އުމުރުފުރާގެ ކުއާޓާ ފައިނަލް ފުރަތަމަ ހީޓުގައި ވާދަކުރާނީ ޝާނިފް އާއި ސައްޔިދު އަދި މަދުހު އެވެ. ދެވަނަ ހީޓުގައި ވާދަކުރާނީ ޒަޔާން އާއި އިނާން އަދި ނިހާލް އެވެ.
އެންމެ ގިނަ އެތުލީޓުން ވާދަކުރަނީ 16 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. މި އުމުރުފުރާގައި ނުވަ އެތުލީޓުން ވާދަކުރެ އެވެ. ފުރަތަމަ ބުރުގައި ތިން ހީޓު ކުރިއަށް ގެންދިޔައިރު، ފުރަތަމަ ހީޓުގައި 7.17 ޕޮއިންޓްގެ ރާޅަކާއި 8.17 ޕޮއިންޓްގެ ރާޅާކާ އެކު ޖުމްލަ 15.34 ގެ ސްކޯއެއް ހޯދައިގެން ހީޓް ކާމިޔާބު ކުރީ ޔަސީން އެވެ. ހީޓްގެ ދެވަނަ ހޯދި ނޫހް ވަނީ ޖުމްލަ ހަތް ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ތިންވަނައަށް ދިޔަ ސާއި އަށް ލިބުނީ 2.43 ޕޮއިންޓެވެ.
ދެވަނަ ހީޓު ކާމިޔާބުކުރި ކަޔާން ވަނީ 8.40 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެވަނައަށް ދިޔަ އިނާން އަށް ލިބުނީ 8.17 ޕޮއިންޓެވެ. މި ހީޓުގައި ދެން ވާދަކުރި ނިހާލަށް ލިބުނީ 3.73 ޕޮއިންޓެވެ. ސައްޔިދާއި އާލް އަދި ރާއިން ވާދަކުރި ތިންވަނަ ހީޓުގައި ޖުމްލަ 10.50 ޕޮއިންޓް ސްކޯ ކޮށްގެން އެއްވަނަ ހޯދީ ސައްޔިދެވެ. އާލް އަށް ދެވަނަ ލިބުނީ 3.94 ޕޮއިންޓް ސްކޯ ކޮށްގެންނެވެ.
ފުރަތަމަ ބުރުގެ ކޮންމެ ހީޓަކުން އެންމެ މަތިން ސްކޯ ކުރި ދެ ރާޅާއެޅުންތެރިން މި އުމުރުފުރާގެ ކުއާޓާ ފައިނަލަށް ހޮވުނުއިރު، ކުއާޓާގެ ބާކީ ދެ ޖާގައަށް ދެން ތިބި ތިން އެތުލީޓުން ޖެހޭނީ ރެޕޭ ޗާޖް ހީޓެއްގައި ވާދަކުރާށެވެ.