17 އޮކްޓޯބަރ 2023 - 23:34

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަރުވާ ހޯދުމަށާއި ރައްކާތެރިކަން ހޯދުމަށް އެތަކެއް ހާސް ފަލަސްތީނުގެ ރައްޔިތުން ތިބި ހޮސްޕިޓަލަކަށް އިޒްރޭލުން ހަމަލާ ދީފި އެވެ.

ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި މިހާތަނަށް 500 މީހުން ޝަހީދު ވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ ހަމަލާގައި އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ބޭނުންކުރަމުންދިޔަ ސްކޫލަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހަނގުރާމަވެރި ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ އިރު، އިޒްރޭލުން ވަނީ ގާޒާއަށް ބޮމާއި ރޮކެޓު ހަމަލާތައް ދީ އެ ސަހަރު ސުންނާފަތިކޮށްލައިފަ އެވެ.
އެކަމަކު މިރޭ ހޮސްޕިޓަލަށް ދިން މި ހަމަލާއަކީ 2008 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ދިން އެންމެ ރަހުމްކުޑަ ހަމަލާ ކަމަށް ފަލަސްތީނުގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
"އަލް އަހްލީ ހޮސްޕިޓަލަށް ދިން މި ހަމަލާ އަކީ އަހަރެމެންގެ ތާރީހުގައި ހިންގި އެންމެ ބޮޑު ގަތުލުއާއްމު،" މިނިސްޓްރީގެ ތަރުޖަމާނު މަހުމޫދު ބަސަލް ވިދާޅުވި އެވެ.
ގާޒާ އަށް އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް އެތެރެކުރުން ވެސް އިޒްރޭލުން މަނާކޮށްފައިވާތީ، ގާޒާގެ މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހައިހޫނުކަން މަތީގައި ކަމަށް، އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުނެ އެވެ. އަވައްޓެރި މިސްރުން ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ހިފައިގެން ރަފަހް ބޯޑަރު ހުރަސްކޮށް ގާޒާ އަށް ވަންނަން އުޅުނު އެހީގެ ގާފިލާތަކަށް އިޒްރޭލުން ދެ ފަހަރެއްގެ މަތިން ބޮން އަޅައި، ރަފަހް ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި 1300 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، މި ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް، އދ.ގެ އިދާރާތަކުން އަންދާޒާ ކުރެ އެވެ. އެންމެ ބާރު ގަދަ ހަތިޔާރުތަކުން ގާޒާ ސުންނާފަތި ކުރަމުން ދާއިރު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓު ވެސް ކަނޑާލައިފަ އެވެ.