އެސްޓީއޯއިން ފަލަސްތީނަށް އެއް މިލިއަން ރުފިޔާގެ އެހީއެއް
އެސްޓީއޯއިން ފަލަސްތީނަށް އެއް މިލިއަން ރުފިޔާގެ އެހީއެއް

އިސްރާއީލުން ފަލަސްތީނުގެ ގާޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އެސްޓީއޯ ގުރޫޕުގެ ކުންފުނިތަކުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ފަލަސްތީނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ދިވެހި ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގާޒާ ފަންޑަށް މި ފައިސާ ހަދިޔާ ކޮށްފައިވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދުމަށް ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިންނެވެ.

ފައިސާ ހަދިޔާ ކުރެއްވުމަށް ފަހު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ޓެލެތޯންގައި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ގުރޫޕުން އިތުރު އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި ފައިސާއަކީ އެސްޓީއޯ ގުރޫޕުގައި ހިމެނޭ އެލައިޑު، އެފްއެސްއެމް، މޯލްޑިވްސް ގޭސް، މިފްކޯގެ އިތުރުން އެމްއެފްއެސް އިން ގުޅިގެން ދީފައިވާ އެހީއެކެވެ. މިއީ މިހާތަނަށް ގާޒާ ފަންޑަށް އެއް ފަރާތަކުން ދީފައިވާ އެންމެ ބޮޑު އެހީ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، މިއީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުނިތަކާއި ޝެއާހޯލްޑަރުންނާއި އަދި މުވައްޒަފުންގެ ނަމުގައި ދެވޭ އެހީއެކެވެ.