17 އޮކްޓޯބަރ 2023 - 15:22

ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީދެވޭނެ މަގު ފަހިކޮށްދިނުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިއަދު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މިހާރު އިޒްރޭލަށް ވަޑައިގެން ހުންނެވި ބްލިންކެން ވިދާޅުވީ އެހީ ފޯރުކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ކޮޅެއްގައި ޖެހިފައިނުވާ ކަމަށެވެ.
ގާޒާއަށް އެހީ ފޯރުކޮށްދެވޭނެ ރައްކާތެރި މަގުތަކެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރެވެމުންދިޔަ ނަމަވެސް ކައިރި މުސްތަގުބަލެއްގައި އެކަން ވުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
ގާޒާ އަށް އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް އެތެރެކުރުން ވެސް އިޒްރޭލުން މަނާކޮށްފައިވާތީ، ގާޒާގެ މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހައިހޫނުކަން މަތީގައި ކަމަށް، އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުނެ އެވެ. އަވައްޓެރި މިސްރުން ގާޒާ އަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ހިފައިގެން ރަފަހް ބޯޑަރު ހުރަސްކޮށް ގާޒާ އަށް ވަންނަން އުޅުނު އެހީގެ ގާފިލާތަކަށް އިޒްރޭލުން ދެ ފަހަރެއްގެ މަތިން ބޮން އަޅައި، ރަފަހް ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.
ދެ ދުވަހުގެ ދަތުރެއްގައި ބްލިންކިން އިޒްރޭލަށް ވަޑައިގަތީ އިއްޔެ އެވެ. ނަމަވެސް، އެ ދަތުރު ވަނީ އިތުރުކޮށްފަ އެވެ. މިދިޔަ އާދީއްތަ ދުވަހު މިސްރުން ފުރާވަޑައިގަތީ ވެސް ރަފާ ބޯޑަރު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެތަން ބަންދުކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހު އިޒްރޭލުން ވަނީ އެ ސަރަހައްދަށް ބޮމުގެ ހަމަލާތައް ދީފަ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި 1300 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، މި ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް، އދ.ގެ އިދާރާތަކުން އަންދާޒާ ކުރެ އެވެ. އެންމެ ބާރު ގަދަ ހަތިޔާރުތަކުން ގާޒާ ސުންނާފަތި ކުރަމުން ދާއިރު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓު ވެސް ކަނޑާލައިފަ އެވެ.
ހަނގުރާމައިގެ ހާލަތާ ގުޅިގެން އދ. އިން ވަނީ ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ އެޖެންސީން ބުނީ ގާޒާގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް އަންގާރަ ދުވަހު ތިން ގަޑިއިރަށް ފެން ލިބުނު ކަމަށެވެ. އެކަމަކު އެކަމުގެ ފައިދާ ލިބިފައިވަނީ އާބާދީގެ އެންމެ 14 ޕަސަންޓު މީހުންނަށެވެ.
"ފެނާއި ނަރުދަމާގެ ހިދުމަތްތައް ފުނޑުފުނޑުވުމުން ހަށިގަނޑުން ފެން މަދުވުން އަދި ފެނާ ގުޅުން ހުރި ބަލިތައް ގޯސްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ގާޒާގެ ކަނޑުގެ ލޮނުގަނޑު ޑީސެލިނޭޝަން ޕްލޭން މިއަދު ބަންދުކުރުން ވެސް ހިމެނޭ،" ބަޔާނުގައި ބުންޏެވެ.