"އުޅްތާ ޕަންޖާބު" ޖޫން 17 ގައި ރިލީޒް ކުރާނެ!
"އުޅްތާ ޕަންޖާބު" ޖޫން 17 ގައި ރިލީޒް ކުރާނެ!

އިންޑިއާގެ ފިލްމު ސެންސަރު ބޯޑުން މިހާތަނަށް ގިނަ ފިލްމުތަކެއްގެ މުހިއްމު މަންޒަރުތަކެއް ކަނޑާލުމުގައި ކާމިޔާބު ހޯދާފައި ވިޔަސް އަންނަ ޖޫން 17 ވަނަ ދުވަހު ރިލިޒްކުރަން ހަމަޖެހިފައިވާ "އުޅްތާ ޕަންޖާބު" އަށް އެ ބޯޑުގެ މެމްބަރުން ބޭނުން ގޮތެއް ހެދުމުގެ ފުރުސަތެއް ނެތެވެ.

ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދޭން ބުނެފައިވަނީ 89 ތަނެއްގެ އެޑިޓް ކޮށްގެންނެވެ. މިކަމާ ހިތްހަމަނުޖެހިގެން ފިލްމުގެ ޕްރޮޑަކްޝަން ހައުސް އިން މުމްބައި ހައި ކޯޓަށް މައްސަލަ ވެއްދި އެވެ.

ސެންސަރު ބޯޑުން ބުނެފައިވާ އެއްވެސް ތަނެއް ފިލްމުން ކަނޑާލާކަށް ޑައިރެކްޓަރު އަނުރާގް ކަޝޭޕް ބޭނުމެއް ނުވި އެވެ. ފިލްމަށް އިންސާފު ހޯދުމަށް ކޯޓުގެ ދޮރުގައި ޓަކިޖެހީ އަނުރާގް ގޮތްދޫނުކޮށްގެންނެވެ.

ކޯޓަށް ވެއްދި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު ވަނީ ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ސެންސަރު ބޯޑުންނާއި ފިލްމު އުފެއްދި ފަރާތުން ވަނީ އެ ބައެއްގެ ވާހަކަ ދިފާއުކޮށް ވަރަށް ވަރުގަޔަށް ބަހުސްކޮށްފަ އެވެ.

ފިލްމުގެ ސެންސަރުކުރަން ޖެހޭ ބައިތައް ކަމަށް ސެންސަރު ބޯޑުން ކަނޑައަޅާފައިވާ ބައިތައް ސެންސަރު ކުރަން ޖެހޭ ސަބަބު އޮޅުން ފިލުވައިދިނުމަށް ކޯޓުން ވަނީ ސެންސަރު ބޯޑަށް އަންގާފަ އެވެ.

ހުކުރު ދުވަހު ވެސް މި މައްސަލައިގެ އަޑުއެހުމެއް އޮތެވެ. އަދި ދެފަރާތުން ދެއްކި ވާހަކަތަކާއި ކޯޓުން ދެއްކި ވާހަކަތަކަށް ބަލާއިރު މައްސަލަ ނިމޭނީ ފިލްމާ އެއްކޮޅަށް ކަމަށް އެ އަޑުއެހުމަށް ހާޒިރުވި ގިނަ ނޫސްވެރިން ބުނެފައިވެ އެވެ. އަދި ސެންސަރު ބޯޑުން ކަނޑާލަން އަންގާފައިވާ ތަންތަން ކަނޑާލަން ނުޖެހޭ ކަމަށް ކޯޓުން ވެސް ބުނެފައިވާ ކަމަށް ނޫސްވެރިން ބުނެ އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ކޯޓުން ކަނޑައަޅާފައިވަނީ ފިލްމުން ކަނޑާލަން ޖެހެނީ އެންމެ މަންޒަރެއް ކަމަށެވެ. އެއީ ޝާހިދު ކަޕޫރު ކުޅެފައިވާ ރޮކް ސްޓާ ޓޮމީގެ ކެރެކްޓާ ކޮންސަޓެއް ބަލަން އެއްވެފައިވާ ބައެއްގެ ތެރެއަށް ކުޑަކަމުދާ މަންޒަރެވެ. އެނޫން މަންޒަރެއް ފިލްމުން ކަނޑާލަން ނުޖެހޭ ކަމަށް ކޯޓުން ނިންމާފައިވެ އެވެ.

ފިލްމާ ބެހޭ ކޯޓުން ވަކި ގޮތެއް ނިންމާނީ އަންނަ ހޯމަ ދުވަހު އޮންނަ އަޑުއެހުމުގަ އެވެ. ނަމަވެސް ފިލްމު ބަލާ ހިތުން ތިބި މީހުންނަށް ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ދުވަސް ކަމަށްވާ، އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހު ފިލްމު ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިހާރު ވަނީ ލިބިފަ އެވެ.

"އުޅްތާ ޕަންޖާބު"ގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ޕަންޖާބު ސްޓޭޓްގައި މަސްތުވާ އެއްޗެތި ބޭނުންކުރާ ޒުވާނުންގެ މައްސަލަ އަށެވެ. މަސްތުވާ އެއްޗިއްސަށް ޒުވާނުން ދެވި ހިފާފަައިވާ މިންވަރާއި އޭގެން ލިބޭ ގެއްލުންތައް ފިލްމުގައި ދައްކުވައިދީފައިވެ އެވެ.

ސެންސަރު ބޯޑުން މައްސަލަ ޖައްސަނީ ފިލްމުގެ ނަމުގައި "ޕަންޖާބު" އެ ނަން ބޭނުންކުރާތީ އާއި ފިލްމުގައި ވެސް ސީދާ ޕަންޖާބަށް ނިސްބަތްކޮށް މަސްތުވާ ތަކެތިީގެ ވަބައިގައި ޖެހިފައިވާ ގިނަ ޒުވާނުންތަކެެއް އުޅޭ ސްޓޭޓެއްގެ ގޮތުގައި ޕަންޖާބު ސިފަ ކުރާތީ އެވެ.