18 އޮކްޓޯބަރ 2023 - 07:02

އާދިއްތަ ދުވަހާ ގުޅޭ
އެ ދުވަހު އަހަރެންގެ ސިކުނޑި އަހަންނަށް، ވަރަށް ނުބައި ކެއްސެއްދިނެވެ. އަހަރެންގެ ހުވަފެން ފެށުނީ އަހަރެން ނިދާފައިއޮތް ހިސާބުންނެވެ. ތެދުވި ގޮތަށް ފުރަތަމަ ވެސް އަހަރެން ބެލީ އަހަރެންގެ ކަނާތު ޝަހާދަތް އިނގިލި ވައަތްތިލައަށް ވަދޭތޯއެވެ. ނުވަދެއެވެ. ހިތަށްއެރިއެވެ. މީ ހުވަފެނެއް ނޫންހެއްޔެވެ؟ ދެން ބެލީ ގަޑިޔަށެވެ. ގަޑީގެ ކަށިތައް ހަމައެވެ. ހިސާބު ނަންބަރުތައް ވެސް ހުރީ ރަނގަޅަށެވެ. އެ ހިސާބުން އެއީ ހުވަފެނެއް ނޫންކަން ޔަގީންވިއެވެ. ހަގީގަތް އެނގުނީ ލޯގަނޑު ކައިރީ ހުއްޓުނީމައެވެ. އަހަރެން ބޯ ހުރީ ވަރަށް ބޮޑަށް ތަލަވެފައެވެ. ހަގީގަތުގައި އަހަރެންގެ އިސްތަށިގަނޑު ހުންނާނީ ވަރަށް ބޯކޮށެވެ. ކުޑަކޮށް ހިނި ވެސް އައެވެ. ސިކުނޑި އަހަންނާ އެ ވަރަށް ސަމާސާކޮށްފާނެކަމަކަށް ހިޔެއްނުކުރަމެވެ. އެ ވަރުން އަދި ނިމުނީކީ ނޫނެވެ. އަހަރެން ލާން ހުރީ ބޮޑުގިރުވާންއެޅި ގަމީހާއި، ފައިކުރި ފުޅާ ފަޓުލޫނެވެ. އަހަރެން އަރަނީ ބޯފައިވާނަކަށެވެ. ކުރީ ޒަމާނުގައި އެ ފަދަ ފައިވާނެއް ހުންނަކަން އަހަންނަށް އެނގެއެވެ.
ގޭގެ ދޮރުން ނުކުތް އިރު، މަގު އޮތީ ގާއަތުރާފައެއް ނޫނެވެ. އަޑިގުޑަން ގިނައެވެ. މަގުގައި ކާރެއް، ސައިކަލެއް ނެތެވެ. އަތްގާޑިޔަލެއް ދުށީމެވެ. ދެތިން ބައިސްކަލެއް ވެސް ދުށީމެވެ. ކޮންމެ ގެއެއްގައި ވެސް ބޮޑެތި ގަސްތައް ހުއްޓެވެ. އަނބާއި، ބަނބުކޭލާއި، ޖަނބުރޯލާއި، ކުންނާރު ގަސް ވެސް ހުއްޓެވެ. ކާޅު ވެސް އުޅެއެވެ. އެއްޒަމާނެއްގައި ވެސް މާލޭގައި ކާޅު އުޅުނުބާއޭ ހިތަށްއެރިއެވެ. އަހަރެން ދުއްވަން ހުރީ ސައިކަލެއް ނޫނެވެ. މުސްކުޅި ރެލީ ބައިސްކަލެކެވެ. ކުރެވޭނެ ކަމެއް ނެތެވެ. ހުވަފެން އަހަންނަށް ޖެއްސި ހާލެއްގައި އަހަރެން ޖެހޭނީ އުޅޭށެވެ. އަހެއް ދެއްކި ނަމަ އެއަށް ވެސް ޖެހޭނީ އަރާށެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ސައިކަލެއް ނުހުންނާނެއެވެ. އަހަރެން ބަހައްޓައިފައިހުރީ ހަތްދިހައިގެ އަހަރުތަކުގެ ތެރެއިން އަހަރެއްގައިކަމަށް ލަފާކުރެވެއެވެ. ކުދިކިޔަމުން އަހަރެން ބައިސްކަލަށް އެރީމެވެ. ސަލްވާގެ ގެއަށް މިސްރާބުޖެހީމެވެ. އަހަރެންގެ ގެ އަހަންނަށް އޮޅުނަސް، ސަލްވާގެ ގެއެއް އަހަންނަކަށް ނޯޅޭނެއެވެ. އަހަރެން ދަތުރުކުރީ އެ ގެއަށް އެންމެ އަވަހަށް ދެވޭނެ މަގުތަކުންނެވެ. އެކަމަކު އެ ގެއެއް ނުފެނުނެވެ. އެ ގޭގެ ކުރިން ޖެހޭ ގެއާއި، އެ ގެއަށް ފަހު ދެން ހުންނަ ގެ ވެސް ހުއްޓެވެ. ނެތީ ސަލްވާގެ ގެ އެކަންޏެވެ. ހީވަނީ ދެ ގެ ގެނެސް ޖައްސައި، ސަލްވާގެ ގެ ފޮރުވާފައިހުރިހެންނެވެ. ސަލްވާގެ ގޭގެ ދޮރާށިން ތަންކޮޅެއް ފެންނަހެން ވެސް ހީވެއެވެ. އެ ވަރު ކެއްސެއް އަހަންނަށް ދޭން ހެޔޮވާނެހެއްޔެވެ؟ ގެ ނެތިއްޔާ ސަލްވާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ ޖީބުގައި އަތްޖައްސައިލީމެވެ. ފޯނެއް ނެތެވެ. އޮވެގެން ވެސް ނުވާނެއެވެ. އެއީ މޯބައިލުފޯނުގެ ޒަމާނެއް ނޫނެވެ. ހަދާނެ ގޮތަކާމެދު ވިސްނަން ބައިސްކަލުގައި އިންދައި، ގެއަކުން މީހަކު ނުކުތެވެ. އެ މީހާއަށް ގޮވައިލުމުން އައެވެ. އަހަރެން ދުވަހަކު ވެސް ދުށް މީހެއް ނޫނެވެ. ސަލްވާގެ ގޭގެ ނަން ބުނެފައި، އެ ގެ ކޮބައިތޯ އެހީމެވެ. އެ މީހާ ފެށީ ހޭށެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ހޭންޖެހޭ ވަރުގެ ޖޯކެއް އަހަރެންނަށް ކިޔުނުބާއޭ ހިތަށްއެރިއެވެ.
"ކީއްވެ ތި ހެނީ؟" އަހަރެން އެހީމެވެ. "ކޮބައިތަ އެ ގެ؟ މި ދިމާލުގަ ހުންނަން ޖެހޭނީ."
"ކަލޭ ތީ ހާދަ މަޖާ މީހެކޭ!" އެހެން ބުނެފައި އޭނަ ދިޔައީއެވެ.
ފޯނު ރަނގަބީލުވުމާއެކު ސިއްސައިގެންގޮސް އަހަންނަށް ހޭލެވުނެވެ. ނިދަމުން ފޯނުގެ އަޑުކަނޑައިލުމަކީ އަހަރެން ވަރަށް ހަނދާންބަހައްޓައިގެން ކުރާ ކަމެކެވެ. އެހެނަސް އެ ފަހަރު އެ ކަން އޮތީ ނުކުރެވިއެވެ. ފޯނުކުރީ ހައިފާއެވެ.
"ހަލޯ!" ނިދިއަޑަކުން އަހަރެން ބުނީމެވެ.
"އަދިވެސް ސްލީޕިންގް؟" ހައިފާ އެހިއެވެ. "ވޭކަޕް ވޭކަޕް! ހޭލާ! މިހާރު ޓެން ވެއްޖޭ! ހިނގާބަލަ އަހަރެން ތާކަށް ވައްޓާލަން."
އެއީ ކުޑަކޮށް ވިއްސާރަކޮށް އޮތް ދުވަހެކެވެ. އަހަރެން އިނީ ކޮފީއެއް ބޯހިތުން މަރުވާ ވަރު ވެފައެވެ. ދާ ތަނަކަށް ދިޔުމުގެ ކުރިން ކޮފީއެއް ބޯލަން ލަފާދިނީމެވެ. ނަސީބަކުން، ވަރަށް ފަސޭހައިން ހައިފާ އެއްބަސްވިއެވެ. އޭރު އަހަރުމެންނަށް ތިބެވުނު ހިސާބުގައި ވެސް ކެފޭއެއް ހުއްޓެވެ. އެކަމަކު ހައިފާ ބޭނުންވީ ވަކި ހާއްސަ ތަނަަކަށް ދާށެވެ. އެ ދިމާއަށް އަހަރެން މިސްރާބުޖެހީމެވެ. ސައިކަލު ފަހަތުގައި އިނދެގެން ހައިފާ ފޯނާކުޅޭކަން އަހަންނަށް އެނގެއެވެ. އިރުއިރުކޮޅާ މެސެޖު އަންނަ އަޑުއިވުއެވެ. ދާން ބުނި ތަނަށް ފޭބި އިރު ވެސް ހައިފާ އަތުގައި ފޯނު އޮތެވެ. އޭނަ އުޅުނީ އެއިން ސަލާމަތްނުވެވިގެންނެވެ.
"ފޯނަށް ވެސް އެޑިކްޓްވެފަ!" އަހަރެން ބުނެލީމެވެ.
"ބޭބެ ކޮފީއަށް ވެސް އެޑިކްޓްވެފަ!" ފޯނާ ކުޅެމުން ހައިފާ ޖަވާބުދިނެވެ. "މިއަދު ބޭބެ ގަބޫލުކުރާނެ މި ވަރުގެ ކޮއްކޮއެއް ބޭބެއަށް ނުލިބޭނެކަން."
އެތެރެއަށް ވަދެ ކޮފީބޯން ފަށައިފައި، ހައިފާ ތެދުވިއެވެ. އަތުގެ އިޝާރާތުން މަޑުކުރާށޭ ބުނެފައި އޭނަ ދިޔައެވެ. އަހަރެން ފޯނުން ފޮތެއް ހުޅުވީމެވެ. ކުރިން ނިންމައިފައިވާ ހިސާބުން ފެށިގެން ކިޔަން ފެށީމެވެ. އޭގަ އޮތެވެ.
"އެލާމަކަށް ބޭނުންކުރަން އެންމެ ރަނގަޅީ ދިއްލޭ އެލާމެކެވެ. އެ ފަދަ އެލާމެއް ހޯދާފައި، ހައެއްކަ ގަޑިއިރު ފަހުން ނިވިދިއްލެން ފަށާ ގޮތަށް ސެޓުކުރާށެވެ. ގަޑިއަކުން އެއްފަހަރު ދިއްލިލާ ގޮތަށް ހެދުން ވެސް ރަނގަޅެވެ. ގިނަ މީހުންނަށް ލުސިޑް ޑްރީމް ފެންނަން ފަށާނީ، ނިދޭތާ ނުވަދިހަ ވަރަކަށް މިނެޓު ފަހުންނެވެ. ނިދީގައި ކަޅިހޫރޭ މަރުހަލާގައި މީހާ އޮންނަ އިރު، އިރުއިރުކޮޅާ އަޑުކޮޅެއް އިވޭ ސޯނާއަކަށް ވުރެ، ދިއްލޭ ސޯނާއަކުން ބޭނުންހިފޭލެއް ބޮޑެވެ. ދިއްލޭ އެތި ހުންނަންޖެހޭނީ މޫނަށް އަލިއެޅޭ ހިސާބު ކައިރީގައެވެ. އަލި މާ ގަދަވެގެން ނުވާނެއެވެ. އޭރުން ހުވަފެނުގައި އުޅޭ އިރު ވެސް، ދޭތެރެއަކުން އަލިވާނެއެވެ. މި އުޅެވެނީ ހުވަފެނެއްގައިކަން ޔަގީންކުރެވޭނެއެވެ. އެންމެ މުހިންމު ކަމަކީ..."
"ބޭބޭ!" ހައިފާ ގޮވައިލި އަޑުއިވުނެވެ.
އަހަރެން ބަލައިލި އިރު ސަލްވާ ހުރީ އަހަރެން ކުރިމަތީގައެވެ. އެއީ ހުވަފެނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. އަހަރެން ކުރިމައްޗަކަށް ސަލްވާއެއް ނާންނާނެއެވެ. އަހަންނަށް ތެދުވެވުނެވެ. ސަލާންކުރަން އަތްދިއްކުރަން ވެސް އަހަރެން ހުރީ ނުކެރިފައެވެ.
"އިހަށް ދުވަހަކު ލިބުނު އިންސްޓާ ފްރެންޑެއް،" ސަލްވާ ތައާރަފުކޮށްދިނުމުގެ ގޮތުން ހައިފާ ބުންޏެވެ. "ބޭބެއަށް އިންޓްރޮޑިއުސްކުރަން މި ގެނައީ،" ސަލްވާއަށް އަހަރެން ވެސް ތައާރަފުކޮށްދިނެވެ. "ސަލް! މީ އަހަރެންގެ ބެސްޓް ފްރެންޑް. އަހަރެންގެ ބޭބެ. އަހަރެންގެ އެވްރީތިންގް!"
ސަލާންކުރަން ސަލްވާ އަތްދިއްކުރުމުން އަހަރެން ވެސް އެ ފަދައިން ރައްދުދިނީމެވެ. ސަލްވާގެ އަތްތިލަ މަޑު ކަފަކޮޅެއް ފަދައެވެ. ދޫކޮށްލާ ހިތް ވެސް ނުވިއެވެ. ތިން މީހުން އެކުގައި ކަހަލަ ގޮތަކަށް އިށީނީމެވެ.
"ސަލް ބޭނުމޯ ގިޓާޖަހަން ދަސްކުރަން،" ހައިފާ ބުންޏެވެ. "މަ ބުނިން ބޭބެއަށް އެނގޭނޭ!"
"އިޓްސް އޯކޭ!" ސަލްވާ ހިނިތުންވެފައި ބުންޏެވެ. "ޕްރަމޯޝަން ލިބުނީމަ މިހާރު މާ ބިޒީވެއްޖެ! ދެން ޓައިމެއް ނުވާނެ."
އަހަރެން ދައްކަން ބޭނުން ހާދަ ގިނަ ވާހަކައެއް ހުއްޓެވެ. އެކަމަކު ދައްކާނީ ކިހިނެއްހެއްޔެވެ؟ އެއީ ނުރަސްމީކޮށް ސަލްވާ ފުރަތަމަ ވާހަކަދެއްކި ފަހަރެވެ. ކުރިމަތީގައި ހައިފާ އިނެވެ. އެ ވަރުން ވެސް އަހަންނަށް ހީވީ ވަގުތު މަޑުޖެހިލިހެންނެވެ. ހިތުގެ ބައެއް ވިންދު ނުޖަހައި ދޫކޮށްލިހެންނެވެ. މާފޮޅި ބަރާވެފައިވާ ބަގީޗާއަކަށް ބާރު ރޯޅިއެއް ޖެހިލިހެންނެވެ. ހަތަރު ފަރާތުން މަލުގެ ފިޔަތައް ނަށަމުންދިޔަ އިރު، ފޮނިފޮނި އަބީރުން އަހަރެންގެ ހިތް ފުރި އުތުރުއަރަނީއެވެ.
"ޓައިމް ހުއްޓިއްޖެއްޔާ؟" އަހަރެން އެހީމެވެ.
އެހެން ބުނެފައި، ފޯނު ބާއްވަންވެގެން ފޯނަށް ބަލައިލި އިރު، އަހަރެން ކުރިން ކިއި ފޮތުގެ އެއްވެސް ލަފުޒެއް ހަމައެއްނުޖެހެއެވެ. އަހަރެން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ހިތަށްއެރިއެވެ. މީ ވެސް ހުވަފެނެކެވެ. އެކަމަކު ހަގީގަތަކާ ހާދަ ވައްތަރެވެ. ނުހޭލެވި އެއް ހުވަފެނުން އަނެއް ހުވަފެނަށް ދިޔައީ، ވީ ގޮތް އަހަންނަށް ނުވެސް އެނގިއެވެ. އަހަރެންގެ ލޯ ހުޅުވުނެވެ. އަހަރެން އޮތީ އެނދުގައެވެ. އެ ފަހަރު ކުޑަކޮށް ބިރު ވެސް ގަތެވެ. ހަގީގަތާއި ހުވަފެނުގެ ފަރުދާ އެހައި ތުނިވުމަކީ މައްސަލައެކެވެ. އެ އިންޒާރު ކުރިން ލިބުނު ނަމަވެސް، އެހައި ބިރުވެރިވާނެކަމަކަށް ހިޔެއްނުކުރަމެވެ.
ނިދަން ލިބޭ ވަގުތުކޮޅު ސިކުނޑިއަށް އިތުރު ބުރައެއް ޖެއްސުމުން، އަހަންނަށް އޭގެ ނޭދެވޭ އަސަރުކުރަން ފެށިއެވެ. ނިދިމަދުވާން ފެށިއެވެ. ބޮލުގަރިއްސަން ފެށިއެވެ. އެހެން ކަންކަމަށް އަހަންނަށް ދެވޭ ވަގުތާއި، ސަމާލުކަން ކުޑަވާން ފެށިއެވެ. ދުވާލުގެ ވަގުތުގައި ނިދިހަމަކުރަން އޮށޯންނަންޖެހުނެވެ. ގެއިން ބޭރަކަށް ނުނިކުމެވެއެވެ. ހުވަފެން ކޮންޓުރޯލުކުރެވުމުގެ އުފާ ރަނގަޅަށް އިހުސާސްނުވެ އުޅެނިކޮށް، އަހަރެން ފާޑަކަށް ރޯނާވާން ފެށިއެވެ. ކާން ވެސް ވަގުތުހޯދަނީ ގަދަކަމުންނެވެ. ބައެއް ހަގީގަތަކީ ހުވަފެނެއްހެން ހީވެ، ވިސްނަން ހުރެވެއެވެ. ބައެއް ހުވަފެނަކީ ހަގީގަތެއްހެން ހީވެ، ވިސްނަން ހުރެވެއެވެ. މައްސަލައަކީ، ކުއްލިއަކަށް ނިންމަންޖެހޭ ކަންކަމުގައި އަހަންނަށް ހުއްޓުންއަރާފައި ހުރެވޭތީއެވެ.އަހަންނަށް ދިމާވި ކަހަލަ މައްސަލައެއް ދިމާވުމުން، ހުވަފެން ކޮންޓުރޯލުކުރުން މަޑުޖައްސައިލަން ޖެހެއެވެ. އެ މަސައްކަތް މެދުކަނޑާލައި، އަރާމުކުރާ ވަގުތު ގިނަކުރަން ޖެހެއެވެ. އެހެނަސް، އެ ކަން ކުރަން އަހަންނަށް މާ އުނދަގޫވިއެވެ. އަލަށް ދަސްވި ކުޅިވަރަށް އަހަރެން ދެވިހިފިއެވެ. މަޑުޖެހުމުގެ ބަދަލުގައި އަހަރެންނަށް ޖެހިލެވުނީ ކުރިޔަށެވެ. އެއީ، ސަލްވާގެ ހުވަފެނެއްގެ ތެރެއަށް ވަންނަން މަސައްކަތް ފެށުމެވެ. އަހަރެންގެ މުޅި ދުވަސް ހޭދަވަނީ އެކަކާ ދޭތެރޭގައި ވިސްނުމުގައެވެ. އޭނަ ހަނދާންކުރުމުގައެވެ. އޭނަގެ ހުވަފެނުގައި އެހެން މީހަކު ރަސްކަންކުރޭބާއެވެ؟ އެ މީހަކީ، ފަހަރެއްގައި ވެސް އަހަންނަށް ވެދާނެބާއެވެ؟ އެ ސުވާލުގެ ޖަވާބުހޯދަން އަހަރެން ބޭނުންވިއެވެ.
އިންތިޒާރުކުރި ވަގުތުއައިސް ޖެހުނެވެ. އެރޭ ނިދަމުން އަހަރެން ވިސްނީމެވެ. މީހެއްގެ ހުވަފެނަށް ވަންނަން އަހަރެން ތައްޔާރުހެއްޔެވެ؟ ކަމުގެ މާހިރުން ބުނެފައިއޮވެއެވެ. އެހެން މީހެއްގެ ހުވަފެނަކަށް ވަންނަ އިރު ހަނދާންބަހައްޓައްޗެވެ. އޭނަ ދުވަހަކު ވެސް ހާމަކުރަން ބޭނުން ނުވާ، އެކަކަށް ވެސް އެނގެން ނުޖެހޭ، އަނދިރި ސިއްރެއް ފަޅާއެރުމަކީ ވަރަށް ކައިރި ކަމެކެވެ. އެއީ ތެދެކެވެ. އަހަންނަށް އެނގުނީ، ސަލްވާގެ ވަރަށް ނާމާން ސިއްރެކެވެ.
-ނުނިމޭ-