17 އޮކްޓޯބަރ 2023 - 11:23

އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ގޮތެއް އޮތް ތޯ ބެލުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރަން ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ އަށް ކުރިއެރުމެއް ނުދޭތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ.
އެކަމަށް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތާއީދު ލިބުމުން، މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިނގާނެ ހަރަދު ބަލައި، އެކަމުގެ ރިޕޯޓެއް ކޮމިޓީއަށް ހުށަހެޅުމަށް މެމްބަރުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ އިދާރާ އިން އަންނަ އަހަރަށް ލަފާކޮށް އާންމު ކޮމިޓީއަށް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 186 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަދި ނިއު ޕޮލިސީ އިނިޝިއޭޓްގެ ގޮތުގައި ހަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ހިމެނޭނެ ކަމަށް މަޖިލީހުގެ އިދާރާގެ ފަރާތުން ބަޖެޓު ހުށަހެޅުއްވި ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް އަހުމަދު ފާއިޒް މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން ލަސްވުމާ ގުޅިގެން ބަޖެޓު އެކުލަވާލަން ޖެހޭ މުއްދަތު ފަހަނައަޅަމުންދާތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އާންމު ކޮމިޓީން ނިންމައި މާލިއްޔަތު ކޮމިޓީން ވެސް ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލެއް ގެނައުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.
މަޖިލީހުން މި އަހަރަށް ގާތްގަނޑަކަށް 182 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ، 20 ވަނަ މަޖިލީހަށް އިތުރުވާނެ މެމްބަރުންގެ ހަތް މަހެއްހާ ދުވަހުގެ މުސާރައަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އާބާދީ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ އިންތިހާބަށް ފަހު 20 ވަނަ މަޖިލީހަށް 93 މެމްބަރުން އިންތިހާބު ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާނުކޮށްފަ އެވެ.