16 އޮކްޓޯބަރ 2023 - 12:41

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ފަސް މިނެޓަކުން ފަލަސްތީނުގެ އާންމު ރައްޔިތަކު ޝަހީދުވަމުން ދާ ކަމަށް، ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން އިއްޔެ ބުނެފި އެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މިހާރު ގާޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ އަމަލުތަކަކީ، ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިއްވާފައިވާ މަރުގެ ހުކުމެއް ތަންފީޒު ކުރުމެވެ. އިޒްރޭލުގެ އުދުވާނީ އަމަލުތަކުގެ ސަބަބުން ގާޒާގެ ސިއްހީ ޚިދުމަތުގެ ނިޒާމު ފެއިލްވެފައިވާ ކަމަށާއި، ބޭހާއި ސިއްހީ ޚިދުމަތަށް ބޭނުންވާ ޒަރޫރީ ސާމާނު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ދެމުންދާ ބާރު ގަދަ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވަމުންދާއިރު، އެ އެންމެންނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެވޭނެ އިންތިޒާމެއް ގާޒާގައި ނެތްކަން އިޒްރޭލަށް ރަނގަޅަށް އެނގޭނެ އެވެ. އަދި އިޒްރޭލުން ގާޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ގަސްދުގައި ދޭ ހަމަލާތަކަކީ ގާޒާގައި ހިންގާ ގަތުލު އާންމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް 10 ވަނަ ދުވަހަށް ދެމިގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރު ވަނީ 2750 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި 1000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
ވައިގެ މަގުން ގާޒާ އަށް ދެމުންދާ ބާރު ގަދަ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރު 9700 އަށް ވުރެ މަތިވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ. އިޒްރޭލުގެ އެ ހަމަލާތަކުގައި ގާޒާގެ 2500 އަށް ވުރެ ގެދޮރު ބިމާ ހަމަވެފައިވާ އިރު، 1.5 މިލިއަން މީހުން މިހާރު ތިބީ ގެދޮރު ނެތި ހާލުގައި ޖެހިފައި ކަމަށް، އދ.ގެ އިދާރާތަކުން ބުނެ އެވެ.
ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނި ގޮތުގައި އިޒްރޭލުން މިހާރު ގާޒާ އަށް ދެމުންދާ ހަމަލާތަކަށް ހިތްވަރުދީ ވާގިވެރިވާ ކޮންމެ ގައުމަކީ ވެސް، ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި އާންމު ރައްޔިތުން މެރުމަށް އިޒްރޭލުން ހިންގާ ޖަރީމާގެ ބައިވެރިންނެވެ. ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަމަލުތައް މިހާރު ހުރީ ޖަރުމަނުގެ ނާޒީންގެ އަމަލުތަކާ އެއް ގޮތަށެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަން، ބައިނަލްއަގުވާމީ މުއައްސަސާތަކުން މިހާތަނަށް ނެރެފައިވާ ބަޔާންތަކުން އެނގޭ ކަމަށެވެ. އޭގެ ތެރޭގައި، މަދަނީން ދިރިއުޅޭ ތަންތަނުގައި ބޭނުންކުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ބައެއް ބާވަތުގެ ހަތިޔާރު، އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި ގާޒާ އަށް މިހާރު ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހުދު ފޮސްފަރަސް ބޮން ބޭނުންކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް، އެމްނެސްޓީ އިންޓަނޭޝާނަލް އިން އިއްޔެ ވަނީ ބުނެފަ އެވެ. މި ބާވަތުގެ ބޮން ވައިގެ ތެރެއަށް ގޮވުމުން އުފެދޭ ދުމުގެ އަސަރު ފުއްޕާމެއަށް ކުރުމުން، ފުއްޕާމޭގައި ވަގުތުން ޒަޚަމްތައް އުފެދެ އެވެ. އަދި އެ ދުމުގެ ތެރެއަށް ނޭވާލުމުން ނޭވާ ހާސްވާނެ އެވެ.
އޭގެ އިތުރުން ހުދު ފޮސްފަރަސް ގޮވުމުން އުފެދޭ ދުމާއި އޭގެ ކުނޑި އިންސާނުންގެ ހަންގަނޑުގައި ޖެހުމުން ހަންގަނޑު ފިހޭނެ އެވެ. ހުދު ފޮސްފަރަސްއަކީ ވައިގައި ޖެހުމާއެކު އޭގައި އަލިފާން ހިފާ ބާރު ގަދަ މާއްދާއެކެވެ. ބޮމެއްގެ ގޮތުގައި ހުދު ފޮސްފަރަސް ބޭނުންކުރުމުން، ބޮމެއް ފަދައިން ގޮވުމާއެކު ހުޅު ހިފާނެ އެވެ.
ހުދު ފޮސްފަރަސް ބޮން ގޮވުމުން ރޯފާ އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރި، އެ ސަރަހައްދެއްގެ ވައިގެ ތެރޭގައި ހުންނަ ހުރިހާ ފޮސްފަރަސްތަކެއް އަނދައި ހުލިވަންދެން، ވައިގެ ތެރޭގައި އަލިފާން ރޯވެފައި ހުންނާނެ އެވެ.
ނޭވާލާ ނިޒާމުގެ ޒަރީއާއިން ނުވަތަ ކާބޯތަކެއްޗާ އެކުވެގެން ހަށިގަނޑުގެ ތެރެއަށް އެތެރެވާ ފޮސްފަރަސް ހިނގައްޖެ ނަމަ، އެކަމަށް ފަރުވާ ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.