ހޮސްޕިޓަލް ހުހެއް ނުކުރާނަން، މަރަންޏާ މިތާ ތިއްބާ މަރާލާ!
ހޮސްޕިޓަލް ހުހެއް ނުކުރާނަން، މަރަންޏާ މިތާ ތިއްބާ މަރާލާ!

ހަމާސް އިން އިޒްރޭލު ސިއްސުވާލި ވަރުގަދަ ހަމަލާތަކާ އެކު އިޒްރޭލުން ފެށި އުދުވާނުގައި ގާޒާ ބިމާ ހަމަކޮށް އަޅިއަށް ހަދަނީ އެވެ. އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ގާޒާއަށް ކެނޑިނޭޅި ބޮން އަޅަމުން ދާއިރު އެތައް އާއިލާއެއް ޝަހީދުވެއްޖެ އެވެ. އެވަރުން ނުވެގެން، އިޒްރޭލުން އަންގަމުން ދަނީ ބައެއް ސަރަހައްދުތައް ހުސްކޮށް، އެންމެން އެހެން ހިސާބުތަކަށް ދާށެވެ.

ހޮސްޕިޓަލް ހުހެއް ނުކުރާނަން، މަރަންޏާ މިތާ ތިއްބާ މަރާލާ!
ހޮސްޕިޓަލް ހުހެއް ނުކުރާނަން، މަރަންޏާ މިތާ ތިއްބާ މަރާލާ!

އަޅުވެތިކަމުގައި އުމުރު އެކީ ހޭދަކޮށްފައިވާ ފަލަސްތީނު އެއްވެސް މީހަކީ އިޒްރޭލުގެ މި އިންޒާރުތަކަށް ޖެހިލުންވާ މީހެއް ނޫނެވެ. އާއިލާގެ ހުރިހާ މެންބަރުން ޝަހީދުވެ އެކަނިވެ، ގެދޮރު ގެއްލިފައި ވިޔަސް އެ ތިބީ އިތުރު ހަމަލާތަކަށް ތައްޔާރުވެ އެވެ.

މަދު ބޭސްކޮޅަކާއި އާދައިގެ ވަސީލަތްތަކާ އެކު ހިންގަންޖެހިފައިވާ ގާޒާގެ ހޮސްޕިޓަލެއްގައި، އުމުރުން ހަތަރު އަހަރުގެ މާމަދަރިފުޅު ގޮވައިގެން ހުރި ލަހަމް ބުނަމުން ދިޔައީ އެއްވެސް އިންޒާރަކާ ނުލައި ދިން ހަމަލާތަކުގައި އޭނާގެ އާއިލާއިން 14 މީހަކު ޝަހީދުވި ކަމަށެވެ. އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ އެންމެންނާއި ދުރުތާ ތިމާގެ އެތައް ބަޔަކު ވެސް ޝަހީދުވި ކަމަށް ބުންޏެވެ.

"އެއްވެސް އިންޒާރެއް ނުދީ އަހަރެމެންގެ ގެޔަށް ބޮން އެޅީ. ސަލާމަތްވީ ހަމައެކަނި މި ކުޑަ ދަރިފުޅު،" މިހާތަނަށް އެތައް ހަނގުރާމައެއް ތަޖުރިބާކޮށްފައިވާ ލަހަމް ބުންޏެވެ.

އިޒްރޭލުން މިހާރު ގާޒާއަށް ދެމުން ދަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. ހަމާސް އިން އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިކޮށްލި ހަމަލާތަކާ އެކު ގަތް ލަދާ އެކު ފެށި އުދުވާނުގައި އަދިވެސް ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިޝާރާތްތައް ދަނީ ދެމުންނެވެ. ހަމާސް ނައްތާލާނެ ކަމުގެ އިންޒާރާ އެކު ފެށި ހަމަލާތަކުގައި މަރުވާ މީހުން އަދިވެސް ވާނީ ގިނަ ކަމަށް ލަފާކުރެވެ އެވެ.

ހިސާރުކޮށްފައިވާ ގާޒާގެ 2.3 މިލިއަން މީހުން ގާޒާގެ އުތުރު ހުސްކޮށް، ދެކުނަށް ދާން ވެސް މިހާރު ވަނީ އަންގައިފަ އެވެ. އދ. އިން ވަނީ މިހާ ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރިކަމާ އެކު އެހެން ހިސާބަކަށް ނުގެންދެވޭނެ ކަމަށް ބުނެ މިކަމުގެ ސަބަބުން އިންސާނީ މުސީބާތުގެ ކާރިސާއެއް އުފެދިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ އެތައް ލައްކަ ބަޔަކު ގެދޮރުން ނެރެ ބިކަކޮށްލި 1948 ގެ "ނަކްބާ" ގެ ހަނދާން އާކުރަމުން ގާޒާގެ އާންމުން ބުނަމުން ދަނީ ގެދޮރު ދޫކޮށް ނުދާނެ ކަމަށެވެ.

"އެ މީހުން އަހަރެމެން މަރަންޏާ މިތާ މަސައްކަތްކުރަން ތިއްބާ މަރާލާ. އަހަރެމެން މިތަން ދޫކޮށްފައެއް ނުދާނަން. އަހަރެމެންގެ މި މަސައްކަތަށް އެހެން ތަނެއް ހޯދަން ދެތިން ދުވަސް ނުވަތަ ހަފްތާތަކެއް ވެސް ހޭދަވެދާނެ،" ގާޒާގެ ކަމާލް އެޑްވަން ހޮސްޕިޓަލްގެ ޑޮކްޓަރު ހުސާމް އަބޫ ސާފިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާލަތު ވަރަށް ނުރައްކާ ކަމަށާއި ހޮސްޕިޓަލްގައި ތިބި ކުޑަކުދިން އެހެން ތަނަކަށް ގެންދަން އުޅުމަކީ އެ ކުދިންނަށް "މަރުގެ އަދަބު ދިނުން" ފަދަ އަނިޔާއަކަށް ވާނެ ކަމަށެވެ.

"މިތަނުން ނެރެގެން އެ ކުދިން އެހެން ތަނަކަށް ގެންދިއުމަކީ އެ ކުދިންނަށް މަރުގެ އަދަބު ދިނުން. އެ ކުދިން މަރުވާނެ. އެ ކުދިންނަށް އޮކްސިޖަން މި ދެނީ ކަރަންޓުން އޮޕަރޭޓްކުރާ މެޝިންތަކުން،" ހުސާމް ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކުން ބުނަމުން ދަނީ ގާޒާގެ ހިސާރު ވަރުގަދަވެ އަދި ހަމަލާތައް ހުއްޓުމަކަށް ނާންނާތީ ބޭސް ވެސް ހުސްވާން ކައިރިވެފައިވާ ކަމަށެވެ. ހަމަލާތަކުން ސަލާމަތްވާން ގެޔަށް ވަދެ ތިއްބަސް، ކާބޯތަކެތި ހޯދަން ބޭރަށް ނުކުތައް އޮތީ އިޒްރޭލުގެ ބޮމުގެ ހަމަލާއެއް އަމާޒުވުމެވެ. -- ރޮއިޓާސް