09 މެއި 2017 - 10:19

ޓާފް ދަނޑުގެ ލައިޓިން ސިސްޓަމަށް މައްސަލަތަކެއް ދިމާވެ ކްލަބްތަކަށް ޕްރެކްޓިސްކުރަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ޓީމުތަކުން ބުނެފި އެވެ.

އެފްއޭއެމްގެ ބެލުމުގެ ދަށުގައިވާ ޓާފް އެއް ނަންބަރު ދަނޑާއި ދެ ނަންބަރު ދަނޑަކީ މާލޭގައި ކުޅޭ ހުރިހާ ރަސްމީ ފުޓްބޯޅަ މުބާރާތްތަކަށް ގިނަ ޓީމުތަކުން ޕްރެކްޓިސް ކުރުމަށް ބޭނުން ކުރަމުން އަންނަ ދެ ދަނޑެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ޓީމުތަކާއި ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަންގެ އިތުރުން އެކި މުބާރާތްތަކަށް ފަރިތަކުރާ ޓީމުތައް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި ޓާފް އެއް ނަންބަރު ދަނޑުގެ ލައިޓިން ސިސްޓަމަށް މައްސަަލަ ދިމާވެފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. މިކަމުގެ ސަބަބުން ގިނަ ކްލަބްތަކުން ވަނީ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. އަދި ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތުގައި ފަރިތަކުރުންތައް ގެންދަން ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ޓީމުތަކުން ބުނެ އެވެ.
"ހަގީގަތުގައި ވަރަށް އުނދަގޫ ހާލަތެއްގައި ރޭގަނޑު ޕްރެކްޓިސް ކުރާ ހުރިހާ ކްލަބަކުން ވެސް ޕްރެކްޓިސް ކުރިއަށް ގެންދަނީ. މިކަން ހައްލުކުރުން ވަރަށް މުހިއްމު. އެއީ މިހާ އަދިރީގައި ޕްރެކްޓިސް ކޮށްގެން ކުޅުންތެރިންނަށް ލިބޭނެ ގެއްލުން ބޮޑުވީމަ،" ފުރަތަމަ ޑިވިޝަން ޓީމެއްގެ އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.
އެފްއޭއެމުން ބުނީ ޓާފް ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެއްކޮށް ރަނގަޅުކުރެވޭނެ ކަމަށެވެ.
"ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް ރަނގަޅު ކުރުމަށް ފަހު މިހާރު ގާތްގަނޑަކަށް ހަފްތާ އަކަށް ވުރެ ގިނަ ދުވަސްވެއްޖެ ޓާފް ދަނޑުގެ ލައިޓިން ސިސްޓަމް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަތާ، ވަރަށް އަވަހަށް ޓާފް ދަނޑުގެ ލައިޓިން ރަނގަޅު ކުރެވޭނެ،" އެފްއޭއެމުން ބުންޏެވެ.