16 އޮކްޓޯބަރ 2023 - 11:20

ފުރީ ޑައިވިން ކެޓަގަރީގައި ޑައިވަރު އުމޭރު ބަދީއު ގައުމީ ރެކޯޑެއް ހަދައިފި އެވެ.
އޭނާ މި ރެކޯޑް ހެދީ މިސްރުގެ ޝަރުމުއް ޝައިހް ކަނޑުގެ ސަރަހައްދުގައި ބޭއްވި އެންޑްރިއާ ޒުކާރީ އައިޑާ ވޯލްޑް ކަޕް އޮކްޓޯބަރު އިވެންޓްގަ އެވެ.
އުމޭރު ވަނީ އޮކްސިޖަން ސިލިންޑަރާ ނުލައި ކަނޑުގެ 64 މީޓަރު އަޑިއަށް ފީނައިފަ އެވެ.
މި ރެކޯޑާ އެކު ބަދީއު ވަނީ ފްރީ ޑައިވިން ކެޓަގަރީގައި ކަނޑުގެ އެންމެ ފުނަށް ފީނި ދިވެހި ޑައިވަރުގެ ޝަރަފު ހާސިލުކޮށްފަ އެވެ.
މިދިޔަ އަހަރު ޝަރުމުއް ޝައިހްގައި ބޭއްވި އިވެންޓެއްގައި ވެސް ފީނައި އުމޭރު ވަނީ ގައުމީ ރެކޯޑެއް ހަދައިފަ އެވެ. މި ފަހަރު އޭނާ މުގުރާލީ އޭނާގެ އަމިއްލަ އަތުގައި އޮތް ރެކޯޑެވެ.