15 އޮކްޓޯބަރ 2023 - 23:32

ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހަދަން، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ބިލުގައި ވަނީ މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުމާއި ނުވަތަ ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ ފަސް އަހަރުވެފައިވާ މަރުކަޒަކަށް ވުމެވެ.
ބިލުގައި ހުށަހަޅާފައި ވަނީ މިގޮތަށް ފާސްވެ ގެޒެޓްކުރުމާ އެކު އެގޮތަށް އަމަލުކުރަން ފަށާ ގޮތަށެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލުކުރެވެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ނަމަ އެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބެރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަަމަ އެވެ.
ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު ކުޑަކުރަން ސަރުކާރުން ހުށަހެޅިއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވެސް ވަނީ މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
އޭނާ ހުށަހެޅުއްވީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. އެކަަމަކު އެމްޑީޕީން އޭރު ވަނީ ބިލު ފާސްނުކޮށް، މަޖިލީހުން ބޭރުކޮށްލައިފަ އެވެ.